ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

24 އޯގަސްޓު 2021 12:45

ނަންބަރު

30

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 30 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި 10 އޮކްޓޫބަރު 2021 އިން ފެށިގެން 17 އޮކްޓޫބަރު 2021 އާ ހަމައަށް ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ މެންބަރުންނާއި އެކައުންސިލްގެ އިދާރާގެ 2 މުވައްޒަފެއް މާލޭގައި ތިބުމަށް ހަމަޖެހިފައިވާތީ، އެރަށުގެ ކޯޒްވޭ އެޅުމާއި، ބަނދަރު ހެދުމާއި، ސްޕޯޓް އެރީނާ ހެދުމާއި އަދި މަލްޓިޕަރޕަސް ހޯލް ހެދުމާއި ގުޅޭގޮތުން މާލިއްޔަތު ކޮމިޓީއާ އެ މުއްދަތުގެ ތެރޭގައި ބައްދަލުވުމެއް ހަމަޖެއްސުމަށް އެދި ފޮނުވާފައިވާ ސިޓީ މަޝްވަރާކުރައްވައި، އެމައްސަލަ މިނިސްޓްރީ އޮފް ފިނޭންސްއާ މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދެވުމަށް ހައްދުންމަތީ ކަލައިދޫ ކައުންސިލަށް އެންގުމަށް ނިންމާފައިވެއެވެ. ރޮހިންޔާގެ މުސްލިމުންނަށް އެހީތެރިކަން ފޮރުކޮށްދިނުމަށްޓަކައި ހިންގި ހަރަކާތަށް ފައިސާ ހޯދުމުގެ ގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ފަރާތުން ކުރިއަށް ގެންދިޔަ ޗެރިޓީ ފުޓްބޯޅަ މެޗްތަކުގައި ބައިވެރިވި ބައެއް ކުޅުންތެރިންގެ ޖާޒީއާއި، ބޫޓާއި، މެޗްބޯޅަ ފަދަ ތަކެތި ސްޕޮންސަރކޮށްގެން ލިބެންޖެހޭ ފައިސާގެ ބައެއް ލިބިފައި ނުވުމާއި، ލިބުނުކަމަށް ބުނާ ފައިސާގެ ތެރެއިން ބައެއް ޚަރަދުކުރެވިފައިވާ ކަމަށް ބުނެފައިވާއިރު އޭގެ ތެރެއިން 377،693.30 (ތިންލައްކަ ހަތްދިހަ ހަތްހާސް ހަސަތޭކަ ނުވަދިހަ ތިން ރުފިޔާ ތިރީސް ލާރި) ޚަރަދުކުރިގޮތް އެނގެން ނެތުމާއި، ފުޓްބޯޅަ ބެޗުތަކާ ގުޅިގެން ލިބެންޖެހޭ ފައިސާއާއި ލިބުނު ފައިސާގެ ތެރެއިން ޚަރަދުކުރިގޮތް އެނގެން ނެތް ފައިސާއާ ގުޅޭ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރި ތަޙްޤީޤުން ފާހަގަކުރެވުނު ކަންތައްތައް ބަޔާންކޮށް އެ ކޮމިޝަނުން ފޮނުވާފައިވާ ސިޓީ މަޝްވަރާކުރައްވައި، އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ބެލުމަށާއި، މައްސަލަ ފައިލް ކުރެއްވުމަށް ނިންމާފައިވެއެވެ. ނ.މަނަދޫ ކައުންސިލް އިދާރާގެ އޮނިގަނޑުގައި 2020 ވަނަ ހުސްވެފައިވާ މަޤާމްތަކަށް (ޕްރޮޖެކްޓްސް އޮފިސަރ، ފައިނެންސް އޮފިސަރ، މުނިސިޕަލް ސަރވިސް އޮފިސަރ އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރ) މުވައްޒަފުން ނެގުމުގެ ހުއްދަ ވަރަށް އަވަސް މުއްދަތެއްގައި ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް ބާރުއަޅުއްވާ ދެއްވުމަށް އެދި 07 ޑިސެންބަރު 2020 ގައި މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާއިން ފޮނުއްވާފައިވާ ސިޓީ ކޮމިޓީ މެންބަރުންނާ ޙިއްސާ ކުރައްވާފައިވެއެވެ. 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް އަށް ކަނޑައެޅިފައިވާ 5,100,000 (ފަސް މިލިއަން އެއް ސަތޭކަ) ބަޖެޓާއި ގުޅޭ ގޮތުން އެ އޮފީހުން ފާހަގަކޮށްފައިވާ މައްސަލައަކީ ބަޖެޓު ކޮމިޓީއާ ގުޅުންހުރި މައްސަލައެއް ކަމަށްވާތީ އެމައްސަލަ ބަޖެޓު ކޮމިޓީއަށް ފޮނުވުމަށް އެފަރާތަށް އެންގުމަށް ވަނީ ނިންމާފައެވެ. ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓުގައި ހިމެނި، ކޮމިޝަނުގެ ދާއިމީ މުވައްޒަފުންނަށް މަސައްކަތަށް ޙާޒިރުވާ ކޮންމެ ދުވަހަކަށް 225/- (ދުއިސައްތަ ފަންސަވީސް) ރުފިޔާގެ ރޭޓުން އެއްމަސް ދުވަހަށް ރިސްކް އެލަވަންސް ދިނުމަށް ކޮމިޝަނުން ފާސްކުރެވިފައި ވީނަމަވެސް، މި ކަމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ލިބިފައިނުވާތީ މި މައްސަލަ ހައްލުކޮށްދެއްވުން އެދި އެ ކޮމިޝަނުން 17 މޭ 2021 ގައި ފޮނުއްވާފައިވާ މައްސަލަ މަޝްވަރާކުރައްވައި، އެކަމާގުޅޭ އިތުރު ތަފްސީލް އިލެކްޝަން ކޮމިޝަނުންނާއި، މިނިސްޓްރީ އޮފް ފިނޭންސް އިން ހޯއްދެވުމަށްވަނީ ނިންމާފައެވެ. ޤާނޫނު ނަންބަރު 22/2010 (ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ނ) ގެ ދަށުން މަޤާމުން ވަކިވާ ފަނޑިޔާރުންނަށް އެ މާއްދާގެ (އ) އަށް ރިޢާޔަތްކޮށް، "ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ވަކިވާ ފަނޑިޔާރުންނަށް ދެވޭ ޚާއްސަ ޢިނާޔަތްތަކާއި އިމްތިޔާޒުތަކުގެ ގަވާއިދު" ގައި ބުނެފައިވާ ޢިނާޔަތްތަކާއި އިމްތިޔާޒުތައް ފަނޑިޔާރުކަމުން ވަކިވާ ތާރީޚުން ފެށިގެން އެ ފަރާތްތަކަށް ޙައްޤުވާނެކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/01/SC ސަރކިއުލަރގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށާއި، ޤާނޫނު ނަންބަރު 22/2010 (ކޯޓުތަކުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުން އެ ޤާނޫނުގެ 5 ވަނަ މާއްދާގައިވާ އަކުރުތަކެއް އުނިކުރެވިފައިވީނަމަވެސް، މި އިޞްލާޙް އައުމަށްފަހުވެސް ކުރިން ދެމުން އައިގޮތަށް ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ވަކިވާ ފަނޑިޔާރުންނަށް ދެވޭ ޚާއްސަ ޢިނާޔަތްތަކާއި އިމްތިޔާޒުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދީފައިވާކަން ބަޔާންކޮށް، 09 މޭ 2021 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޮނުއްވާފައިވާ މައްސަލަ މަޝްވަރާ ކުރައްވައި، ޤާނޫނުގައިވާގޮތަށް ޢަމަލު ކުރުމަށް އެފަރާތަށް އެންގުމަށްވަނީ ނިންމާފައެވެ. އަދި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ފޮނުވާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭގޮތުން ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ ބޭފުޅުންނާ ބައްދަލު ކުރެއްވުމަށްވަނީ ނިންމާފައެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
19 އޯގަސްޓު 2021 - ހައްދުންމަތީ ކަލައިދޫ ކައުންސިލުން ބައްދަލުވުމެއް ހަމަޖެއްސުމަށް އެދުން
12 އޯގަސްޓު 2021 - 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ކަނޑައެޅިފައިވާ ބަޖެޓް
4 އޯގަސްޓު 2021 - ރޮހިންޔާގެ މުސްލިމުންނަށް އެހީތެރިކަން ފޮރުކޮށްދިނުމަށްޓަކައި އެފް.އޭ.އެމްގެ ފަރާތުން ކުރިއަށް ގެންދިޔަ ޗެރިޓީ ގައި ލިބުނު ފައިސާގެ ތެރެއިން 377،693.30 ޚަރަދުކުރިގޮތް އެނގެން ނެތް މައްސަލަ
22 މޭ 2021 - ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
17 މޭ 2021 - އިންތިޚާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ރިސްކް އެލަވަންސް
9 މޭ 2021 - ފަނޑިޔާރުކަމުން ވަކިވާ ފަނޑިޔާރުންނަށް ދެވޭ ޚާއްސަ ޢިނާޔަތްތަކާއި އިމްތިޔާޒުތައް އިޞްލާޙް އައުމަށްފަހުވެސް ދެމުންގެންދިއުން
9 ޑިސެމްބަރު 2020 - ނ.މަނަދޫ ކައުންސިލް އިދާރާގެ ހުސްވެފައިވާ މަޤާމްތަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ ވަރަށް އަވަސް މުއްދަތެއްގައި ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA