އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 59 ވަނަ ބައްދަލުވުން

5 ޑިސެމްބަރު 2019 14:30 ނަންބަރު 59

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީއަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، ގިނަ ޢަދަދެއްގެ ޔޮޓުފަހަރު ކުރިން ބަނދަރުކުރަމުންދިޔަ ހއ.އުލިގަމުގައި ޔޮޓް ބަނދަރުކުރުން، ސަރުކާރުގެ ގަވާއިދުތަކާއި އުސޫލުތަކުގެ ސަބަބުން މިހާރު މަދުވެފައިވާކަމަށް ފާހަގަކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން އަންނަނިވި ބޭފުޅުންނާ ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރެއްވުމެވެ. މި ބޭފުޅުންނާ ބައްދަލުކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ)ގެ ފަރާތުން: ނަން މަޤާމް 1. އަލްފާޟިލް ޠައްޔިބު މުޙައްމަދު މެނޭޖިންގ ޑިރެކްޓަރ 2. އަލްފާޟިލާ އައިޝަތު ނީޝާ މުޙައްމަދު ޝާހިދު ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ 3. އަލްފާޟިލާ ފާތިމަތު އަފްރާ ޑެޕިއުޓީ ޗީފް މާކެޓިންގ އޮފިސަރ (މާކެޓިންގ) 4. އަލްފާޟިލާ ލީނާ އާޒިމް ޑިރެކްޓަރ (ފައިނޭންސް) މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އައި.ޓީ.ޑީ.ސީ)ގެ ފަރާތުން: ނަން މަޤާމް 1. އަލްފާޟިލް މުޙައްމަދު ރާއިދު މެނޭޖިންގ ޑިރެކްޓަރ 2. އަލްފާޟިލާ އަޒްހާނާ ޝަފީޤު ޑިރެކްޓަރ، އެޑްމިން އެންޑް އެޗް.އާރު 3. އަލްފާޟިލް ޢަބްދުލް މުޤީތު އ. ޑިރެކްޓަރ، ފައިނޭންސް އެންޑް އެކައުންޓިންގ އެކި އިދާރާތަކާއެކު ކުރެވުނު މަޝްވަރާތަކުގައި ފާހަގަކުރައްވާފައިވާ މައިގަނޑު މައްސަލަތައް ތިރީގައި އެވަނީއެވެ. 1. ދިވެހިރާއްޖޭގެ ކޮންމެ ސަރަޙައްދަކަށް އަންނަ އުޅަނދެއްކަމަށް ވީނަމަވެސް، ދިވެހިރާއްޖެއިން ފުރެނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދޫކުރާ ޕޯޓް ކްލިއަރެންސް ސެޓްފިކެޓް ދޫކުރުމުންކަމަށާއި، އެ ސެޓްފިކެޓް ދޫކުރެވެނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ޕޯޓް ކޮންޓްރޯލް ޕަރމިޓް ދޫކުރުމުންކަމަށްވީހިނދު، ހއ.އުލިގަމުގައި މޯލްޑިވްސް ޕޯޓްސް އޮތޯރީޓީ (އެމް.ޕީ.އެލް) ގެ އޮފީހެއް ޤާއިމުވެފައިނުވާތީ، އެ ޕަރމިޓް ހޯދަންޖެހެނީ ކުޅުދުއްފުށީ ޕޯޓް ލިމިޓެޑުން ނުވަތަ އެމް.ޕީ.އެލްގެ މާލެ އޮފީހަށް ފޮނުވައިގެން ކަމަށްވާތީ، އެކަމަށް ގިނަ ވަގުތު ހޭދަވުން؛ 2. ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރު (ޔޮޓް ފަހަރާއި ޕަސިންޖަރ ކްރޫޒްލައިން) ގެ ސައިޒަށާއި އެއުޅަނދުފަހަރު ދިވެހިރާއްޖެ އައި ބޭނުމަށް ރިޔާޢަތްކުރުމެއްނެތި، އެއް މިންގަނޑަކުން ހުރިހާ އުޅަނދުފަހަރުން ގިނަ ޢަދަދެއްގެ ފީތައް ދައްކަންޖެހުމާއި ފީތަކުގެ އަގު ބޮޑުވުން؛ 3. ދިވެހިރާއްޖެއިން ބޭރުން އަންނަ ކޮންމެ އުޅަނދަކަށްވެސް ސެނިޓޭޝަން ސެޓްފިކެޓް ހަދަންޖެހުމުން، އެކަމަށް ގިނަ ވަގުތު ހޭދަވުމާއި، އުޅަނދުގެ ޓަނޭޖްގެ ނިސްބަތުން ފީ ދައްކަންޖެހުން؛ 4. ދިވެހިރާއްޖެއަށް އަންނަ ޔޮޓް އަދި ޕަސިންޖަރ ކްރޫޒްލައިންތަކަށް ހުއްދަ ހޯދުމަށާއި ދައްކަންޖެހޭ ފީތައް ދެއްކުމަށް ގިނަ ވަގުތު ހޭދަވުމާއި، އެކި އިދާރާތަކުން ޚިދުމަތް ހޯދަންޖެހުމާއި، އެއް ފުރާޅެއްގެ ދަށުން ހުރިހާ ޚިދުމަތްތައް ލިބެން ނެތުމާއި، ސަރުކާރު ބަންދު ދުވަސްތަކުގައި ޚިދުމަތް ލިބޭނެ އިންތިޒާމެއް ޤާއިމުވެފައިނުވުން؛ 5. ދިވެހިރާއްޖެ އަންނަ ޔޮޓް އުޅަނދުފަހަރަށާއި ޕަސިންޖަރ ކްރޫޒްލައިންތަކަށް ޚާއްޞަކޮށްގެން ޔޮޓް މެރީނާތައް ޤާއިމްވެފައިނެތުމާއި އެ އުޅަނދުފަހަރުތަކަށް އެކަށީގެންވާ ޚިދުމަތްތައް ނުލިބި، ގިނަ ޢަދަދެއްގެ ފީތައް ދައްކަންޖެހުން؛ 6. ދިވެހިރާއްޖެ އަންނަ ޔޮޓް އުޅަނދުފަހަރަށާއި ޕަސިންޖަރ ކްރޫޒްލައިންތަކުން އަންނަ ޕަސިންޖަރުން މާލެ ފޭބުމަށްޓަކައި ވަކި ޚާއްޞަ ފާލަމެއް ހަމަޖެހިފައިނެތުމުން، ކުރީބައިގައި މާލޭގެ ޢިއްޒުއްދީން ފާލަމާއި، ޖެޓީ ނަންބަރު 1 އަދި ޖެޓީ ނަންބަރު 2 ބުކްކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވުން؛ 7. އޭޖެންޓަކު ނެތި ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރަށް އިންވާރޑް ކްލިއަރެންސް ދޭ ވަގުތުން ފެށިގެން 48 (ސާޅީސްއަށެއް) ގަޑިއިރުތެރޭގައި އޭޖެންޓެއް ހަމަޖެއްސުމަށް ގަވާއިދު ނަންބަރު 2011/R-41 (ކަސްޓަމްސްގެ ޢާންމު ގަވާއިދު) އިން ލާޒިމުކުރާއިރު، ޔޮޓް ފަހަރުތަކަށް ހޯދަންޖެހޭ ހުއްދަތައް އެއް ފުރާޅެއްގެ ދަށުން ލިބެންނެތުމުން އޭޖެންޓަކު ހަމަނުޖައްސައި 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި ފުރުމަށް ދަތިތަކާ ކުރިމަތިވާތީ، އެ އުޅަނދުތަކުން އޭޖެންޓުން ހަމަޖައްސަން މަޖުބޫރުވުމާއި، އޭޖެންޓުން ހަމަޖެއްސުމަށް ދަތިތަކާ ކުރިމަތިވުން؛ 8. ހއ.އުލިގަމު، ހދ.ކުޅުދުއްފުށި ނުވަތަ ސ.ހިތަދޫ ޕޯޓުން ކްލިއަރެންސް ނެގުމަށްފަހުވެސް މާލެ/ހުޅުމާލެ އަށް ގޮސްފިނަމަ، އިތުރު ހުއްދައެއް ހޯދައިގެން މެނުވީ ޔޮޓްފަހަރަށް ބަނދަރަށް ނުވަދެވުމާއި، މާލެ ވަށައިގެންވެސް ޔޮޓްފަހަރު އެންކަރު ކުރުމަށް އެކަށޭނެ ތިލަ ހިސާބެއް ނެތްހިނދުގައިވެސް ސޭފް އެންކަރޭޖް ޕަރމިޓް ހެދުމަށްޓަކައި އޮފިޝަލުން އައިސް ޗެކްކުރަންދެން އެންކަރު ނުލާ ގަދަ އޮއިވަރުގެ ތެރޭގައި ގިނަ އިރުތަކެއް ވަންދެން އިންތިޒާރުގައި މަޑުކޮށްގެން އޮންނަންޖެހުން.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

19 ނޮވެމްބަރު 2019

ހއ. އުލިގަމުގައި ޔޮޓް ބަނދަރުކުރުން، މިހާރު މަދުވެފައިވާކަމަށް ފާހަގަކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA