ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

25 މޭ 2021 13:00

ނަންބަރު

3

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2021 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ؛ 1. ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ދެ ބޭފުޅުންނަށް ރުހުންދިނުމުގެ މައްސަލަ ދިރާސާކުރުން؛ އެގޮތުން 1.1 މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަގެ މަޤާމަށް އައްޔަންކުރައްވާފައިވާ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، ހުޅުމާލެ، 10095 އަށް ރުހުން ދިނުމުގެ މައްސަލަ؛ މިމައްސަލައާއި ގުޅިގެން މިނިސްޓްރީ އޮފް އިކޮނޮމިކް އިން ކޮމިޓީން ސާފުކުރެއްވި މައުލޫމާތުގައި ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ކުންފުންޏެއްގެ ފައުންޑިންގ ޝެއަރ ހޯލްޑަރއެއްގެ މަޤާމުގައި ހުންނެވިކަމަށް ބަޔާންކޮށްފައިވާތީ، އެ ކަމާއި ގުޅިގެން ކައުންސެލް ޖެނެރަލް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ސާފުކުރުމަށް ނިންމެވިއެވެ. 1.2 މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް އައްޔަންކުރައްވާފައިވާ އަލްފާޟިލާ އާމިނަތު ޝައުނާ، ސ.ހުޅުދޫ، ޓްރައިސްޓަ އަށް ރުހުން ދިނުމުގެ މައްސަލަ; ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ދިނުމަށް ކޮމިޓީއަށް ފެންނަކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 9 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވައި މަޖިލީހަށް ރިޕޯޓު ފޮނުވުމަށް ނިންމެވިއެވެ. 2. ސަރުކާރުގެ ބައެއް ވުޒާރާތަކާއި ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލުތަކާގުޅޭ މައްސަލަ ދިރާސާކުރުން. އެގޮތުން؛ 2.1 "މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް" ގެ ނަން "މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކޮލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ" ގެ ނަމަށް ބަދަލު ކުރުމާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކޮލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަސައްކަތުގެ ދާއިރާއަށް ގެނައި ބަދަލު؛ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވާފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށް ކޮމިޓީއަށް ފެންނަކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 8 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވައި މަޖިލީހަށް ރިޕޯޓު ފޮނުވުމަށް ނިންމެވިއެވެ. 2.2 މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގަމުންގެންދާ "ނޭޝަނަލް ޑްރަގް އެޖެންސީ" އެ މިނިސްޓްރީގެ ދަށުން ވަކިކޮށް، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންދާ އިދާރާއެއްގެ ގޮތުގައި ހަމަޖެއްސުމާގުޅިގެން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެނޑް ސޯޝަލް ސަރވިސަސް އާއި، މިނިސްޓްރީ އޮފް ހެލްތުގެ މަސައްކަތުގެ ދާއިރާއަށް ގެނައި ބަދަލު؛ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވާފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށް ކޮމިޓީއަށް ފެންނަކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 8 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވައި މަޖިލީހަށް ރިޕޯޓު ފޮނުވުމަށް ނިންމެވިއެވެ. 3. އަމިއްލަ ފަރާތްތަކުން ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުން. އެގޮތުން؛ 3.1 ސިފައިންގެ އާމަރީގައި ހުރި ހަތިޔާރު އާމަރީއިން ބޭރުވެ ބ. އަތޮޅު ހިނބަޅިދޫގެ ފަޅުބޭރުން ފެނުނު މައްސަލައިގެ ތަޙްޤީޤް ކުރިއަށްނުދާ މައްސަލައާއި، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާ ޚިލާފަށް މަޖީދިއްޔާގެ އަލިމަސް ޔޫބިލްގެ ސްޓީއަރިން ކޮމިޓީގެ ޗެއަރ މާލޭގެ ބައެއް ބިންތައް ކުއްޔަށްދީ އެ އެއިން މަންފާހޯއްދަވަމުން ގެންދަވާ މައްސަލައާއި، އަދި ނަސަންދުރަ ހޮޓާ ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު ޗައިނާގެ ކުންފުންޏާ ދައުލަތާ ދެމެދު އެއްބަސްވެފައިވާ އެއްބަސްވުންތަކުގެ ވާހަކަ ރަސްމީ ލިޔުންތަކުން އެނގެން ނެތްކަމަށާއި އަދި އެއަރ މޯލްޑިވްސް ހިންގި އޮފީސް ޢިމާރާތް ތަޅާލައި ނަސަންދުރާގެ ބިމާ އެއްކޮށްލައިގެން މަސައްކަތްކުރިއަށްދާ ކަމަށްބުނެ ފޮނުއްވާފައިވާ ސިޓީ؛ މިމައްސަލައިގައި ހިމެނޭ ސިފައިންގެ އާމަރީގައި ހުރި ހަތިޔާރު އާމަރީއިން ބޭރުވެ ބ. އަތޮޅު ހިނބަޅިދޫގެ ފަޅުބޭރުން ފެނުނު މިމައްސަލައަކީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ މައްސަލައެއްކަމުން އެ ކޮމިޓީއަށް ފޮނުވުމަށް ނިންމެވިއެވެ. އަދި ދެން ހުށަހަޅުއްވާފައިވާ މައްސަލަތަކާއި ގުޅިގެން ކޮމިޓީން ސާފުކޮށްފައިވާ މައުލޫމާތަށް ބަލައި މައްސަލަ ހުށަހެޅުއްވި ފަރާތައް ޖަވާބު އެރުވުމަށް ނިންމެވިއެވެ. 3.2 7 ފެބްރުވަރީ 2012 ގެ ފަހުން ވެރިކަމާ ހަވާލުވެވަޑައިގަތް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންމަނިކު ވެރިކަމުގައި ހުރެވޭ މުއްދަތަށްވުރެ 6 ދުވަސް އިތުރަށް ވެރިކަމުގައި ހުންނެވުމުން، އެ މައްސަލަ ބައްލަވައި ދެއްވުން އެދި ފޮނުއްވާފައިވާ ސިޓީ؛ މިމައްސަލައާއި ގުޅުންހުރި މައްސަލައެއްގައި ސުޕްރިމްކޯޓުން ނިންމާފައިވާ ގޮތް ބަޔާންކޮށް މައްސަލަ ހުށަހެޅުއްވި ފަރާތައް ޖަވާބު އެރުވުމަށް ނިންމެވިއެވެ. 3.3 7 ފެބްރުވަރީ 2012 ގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި އިސްކޮށް ތިއްބެވި ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި ފޮނުއްވާފައިވާ ސިޓީ؛ މިމައްސަލައަކީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ މައްސަލައެއްކަމުން އެ ކޮމިޓީއަށް ފޮނުވުމަށް ނިންމެވިއެވެ. 3.4 މާލެއިން ލިބެންހުރި އަގަށްވުރެ، 4 ގުނަ އަގުބޮޑުކޮށް ސައިބޯނި ގަނެ ސަޕްލައިކޮށްފައިވާކަމަށް ބަޔާންކޮށްފައިވާ މައްސަލައާއި، ސާމްޕަލް ކެރިއަރ ގެނައުމުގެ ނަމުގައި، މާރކެޓުން 50 ރުފިޔާއަށް ލިބެންހުރި ފުޅިމަދު ފޮށި 1،100 ރުފިޔާގެ ރޭޓުން 400 ފުޅިމަދު ފޮށި މިނިސްޓްރީ އޮފް ހެލްތްގެ ބިޑް ކޮމިޓީން ފާސްކޮށް ބަލައިގަނެފައިވާކަމަށް ބާޔާންކުރާ މައްސަލައާއި، ކޮވިޑް-19 އާ ގުޅިގެން ތަކެތި ރައްކާ ކުރުމަށް ގުދަނެއް ހޯއްދެވުމުގެ ނަމުގައި 2020 މާރިޗު / އެޕްރީލް މަހުގެ ތެރޭގައި އަމިއްލަ ފަރާތެއްގެ ގުދަނެއް މިނިސްޓްރީ އޮފް ހެލްތަށް ކުއްޔަށް ނަގާފައިވާކަން ބަޔާންކުރާ މައްސަލައާއި އަދި ކޮވިޑް-19 އާ ގުޅޭގޮތުން ހޯދާފައިވާ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ސަސްޕެންޑްކޮށްފައިވާ ހެލްތު މިނިސްޓްރީގެ މުވައްޒަފުން މަސައްކަތަށް ނުކުމެ މަސައްކަތްތަކަށް ނުފޫޒު ފޯރުވަމުން އަންނަކަމަށް ބަޔާންކުރާ މައްސަލަ؛ މިމައްސަލައަކީ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ނަމާއި އެޑްރެސް ހާމަނުކޮށް ފޮނުވާފައިވާ މައްސަލައެއް ކަމުން، މިމައްސަލަ ކަމާގުޅޭ އިދާރާތަކާއި ހިއްސާކުރުމަށް ފަހު، ފައިލްކުރުމަށް ނިންމެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA