ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީއާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޖޮއިންޓް ކޮމިޓީ

ތާރީޚް

3 އޮކްޓޯބަރު 2019 14:00

ނަންބަރު

1

01 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތެވެ. މިމަސައްކަތް ކުރިޔަށް ގެންގޮސްދެއްވީ، ޑިރެކްޓަރ އެކައުންޓްސް، އަލްފާޟިލާ ނިއުސާ އަޙުމަދު ނަސީރުއެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީ 1 ނަންފުޅަކަށެވެ. އެއީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވައި، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ތާއީދުކުރެއްވި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްގެ ނަންފުޅެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި 13 މެންބަރުންގެ އިއްތިފާޤުން، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. އަދި މުޤައްރިރުގެ ނައިބަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީވެސް 1 ނަންފުޅަކަށެވެ. އެއީ، މެންބަރު ޚައިތަމް ހުށަހަޅުއްވައި، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ތާއީދުކުރެއްވި މުޙައްމަދު ރަޝީދު ޙުސައިންގެ ނަންފުޅެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި 14 މެންބަރުންގެ އިއްތިފާޤުން، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ކޮމިޓީގެ މުޤައްރިރުގެ ނައިބަކަށް ހޮވިވަޑައިގަތެވެ. މިއަށްފަހު، ކޮމިޓީގެ ހިންގާ ގަވާއިދު ފާސްކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ކޮމިޓީގެ ގަވާއިދަކީ ،ޢާއްމު ގޮތެއްގައި ކޮމިޓީތަކުގައި ބޭނުންކުރާ ގަވާއިދު ކަމަށާއި، އަދި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ނިސްބަތުން ގަވާއިދުގައިވާ ނަންބަރުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށްފަހު، އެ ގަވާއިދަކީ ކޮމިޓީގެ ގަވާއިދު ކަމަށް، މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި 13 މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. މިއަށްފަހު، ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ގޮތަކާމެދު ކޮމިޓީގެ މެންބަރުންގެ ޚިޔާލު ހުރިގޮތް ހޯއްދެވުމަށް ކޮމިޓީގެ މުޤައްރިރު ފުރުޞަތު ހުޅުވާލެއްވުމުން، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހެޅުއްވީ، ކޮމިޓީން ދިރާސާކުރެއްވުމަށް ފޮނުއްވާފައިވާ "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާބެހޭ ބިލު" ދިރާސާކުރައްވާ ނިންމަވާނެ ސުންގަޑިއެއް ކަމުގައި 20 އޮކްޓޫބަރު 2019 ހަމަޖެއްސެވުމަށެވެ. މި ހުށަހެޅުމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު ތާއީދުކުރެއްވުމުން، ހުށަހެޅިފައިވާ ސުންގަޑި ރަނގަޅު ކަމަށް ނިންމެވިއެވެ. މީގެ އިތުރުން، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅުއްވީ، ކޮމިޓީން ބިލުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ގޮތުގެ ތާވަލެއް އެކުލަވާލައްވައިގެން ބިލުގެ މަސައްކަތް ކުރިއަށް ގެންދެވުމަށެވެ. އެހެންކަމުން، އޮކްޓޫބަރު 1 ން 5 އަށް އެކިއެކި މުއައްސަސާތަކުން ހޯދަން ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެ މުއައްސަސާތަކާ ބައްދަލުކުރުން، އޮކްޓޫބަރު 6 ން 18 އަށް ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރެއްވުން، އަދި އޮކްޓޫބަރ 18 ން 20 އަށް ރިޕޯޓް އެކުލަވާލުން، މިއީ މަސައްކަތުގެ ތާވަލު ކަމަށް ނިންމެވިއެވެ. ތާވަލު ހަމަޖެހުމާއެކު، ކޮމިޓީން މަޢުލޫމާތު ހޯއްދަވާނެ މުއައްސަސާތައް ކަނޑައެޅުއްވިއެވެ. މިގޮތުން، ކަނޑައެޅުއްވި ފަރާތްތައް ތިރީގައި އެވަނީއެވެ. • މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް • މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ • މިނިސްޓްރީ އޮފް ހެލްތް • މިނިސްޓްރީ އޮފް ޑިފެންސް • އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ • ހެލްތް ޕްރޮޓެކްޝަން އެޖެންސީ • މޯލްޑިވްސް ކަސްޓަމްސް ސަރވިސް • ފުޑް އެންޑް ޑްރަގް އޮތޯރިޓީ • ޕެސްޓިސައިޑް ވިޔަފާރީގައި ހަރަކާތްތެރިވާ ކޮންޕެނީތައް • ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށްރަށުގެ ކައުންސިލްތައް • ދަނޑުވެރިން ބިލާ ގުޅޭގޮތުން، އިސްވެ ދެންނެވުނު ފަރާތްތަކުން މަޢުލޫމާތު ހޯއްދެވުމަށް ނިންމަވާ، މަޖިލީހުގެ ޗުއްޓީ ނިމުމުން، އޮކްޓޫބަރު މަހު ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ނިންމަވާ މިއަދުގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA