ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީއާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޖޮއިންޓް ކޮމިޓީ

ތާރީޚް

6 އޮކްޓޯބަރު 2019 16:00

ނަންބަރު

3

03 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީން ދިރާސާކުރެއްވުމަށް ފޮނުއްވާފައިވާ "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާބެހޭ ބިލު" އާ ގުޅޭގޮތުން، ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ފަރާތްތަކާ ބައްދަލުކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށްތަކުގެ މަޢުލޫމާތު ހިމަނުއްވާ މިނިސްޓްރީ އޮފް ފިޝަރީޒްއިން ފޮނުއްވާފައިވާ ސިޓީގައި ވާ ރަށްތަކުގެ ކައުންސިލްތަކަށް ސިޓީ ފޮނުއްވައިގެން، ބައްދަލުވުމަށް ޝައުގުވެރިކަން ފާޅުކުރައްވާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ނަން ފޮނުއްވި ފަރާތްތަކާ ބައްދަލުކުރައްވާ މަޢުލޫމާތު ސާފުކުރެއްވިއެވެ. އަދި މިއަށްފަހު، ޕެސްޓިސައިޑްގެ ވިޔަފާރި ކުރައްވާ ފަރާތްތަކާ ވެސް ބައްދަލުކުރައްވާ މަޢުލޫމާތު ސާފުކުރެއްވިއެވެ. މިގޮތުން ބައްދަލުކުރެއްވި ފަރާތްތަކަކީ: ދަނޑުވެރިކަން ކުރައްވާ ފަރާތްތައް: 1. އަލްފާޟިލް އިލްޔާސް އިބްރާހީމް ބ. ގޮއިދޫ 2. އަލްފާޟިލް އިބްރާހީމް ޝާހިދު ށ. ގޮއިދޫ 3. އަލްފާޟިލް އަޙްމަދު ޢަބްދުއްރަހްމާން ހދ. ވައިކަރަދޫ 4. އަލްފާޟިލް އަޙްމަދު ރަޝާދު ކ.ކާށިދޫ 5. އަލްފާޟިލް އިބްރާހީމް ރަޝީދު އަޙްމަދު ޏ.ފުވައްމުލައް 6. އަލްފާޟިލް މޫސާ ޖަމީލް އއ.ތޮއްޑޫ 7. އަލްފާޟިލް އިސްމާޢިލް ޝުކުރީ މެނޭޖިންގ ޑިރެކްޓަރ، ހެބިޓަސް ފްރެޝް 8. އަލްފާޟިލް ހާމިދު ސަލީމް ޑިރެކްޓަރ، ހެބިޓަސް ފްރެޝް ޕެސްޓިސައިޑްގެ ވިޔަފާރި ކުރައްވާ ފަރާތްތައް: 1. އަލްފާޟިލް އަހުމަދު އަރޫޝް އަލިވިދާ މޯލްޑިވްސް 2. އަލްފާޟިލާ އައިމިނަތު އަރޫޝާ އަލިވިދާ މޯލްޑިވްސް މި ބިލާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ވަޑައިގެންނެވި ބޭފުޅުން ޖަވާބުދެއްވާ، ބިލާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށްފަހު، މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ. ދަނޑުވެރިން: ދަނޑުވެރިކަމުގައި ބޭނުންކުރާ ވިހަތަކަކީ ހަމައެކަނި ޕެސްޓިސައިޑެއް ނޫންކަމަށާއި ފަންގިސައިޑްސް، ފާރޓިލައިޒަރގައިވެސް ވިހަ ކެމިކަލްތައް ހިމެނިފައިވީނަމަވެސް، މި ކެމިކަލްތައް ބޭނުންކޮށްގެން ނޫން ގޮތަކަށް ދަނޑުވެރިކަމުގެ މަސައްކަތްކުރެވޭނެ މަގު ފަހިވެފައި ނެތުމާއެކު ހިތާއި ދެކޮޅަށް ނަމަވެސް ކެމިކަލް ބޭނުންކޮށްގެން ދަނޑުވެރިކަންކުރިކަމުގައި ވީނަމަވެސް ބޭނުންވަނީ އޯގަނިކް ފާރމިންގއަށް ދިއުން ކަމަށާއި؛ ދަނޑުވެރިކަމަށް ބޭނުންވާ ކެމިކަލް ބޭނުންނުކޮށް އޯގަނިކް ފާރމިންގއަށް ދާން ބަލާއިރު، ދަނޑުވެރިކަމުގެ މަސައްކަތްކުރާ މީހުންނަށް ކަމާބެހޭ ތަމްރީނު ލިބެންޖެހޭކަމަށާއި އޯގަނިކް ފާރމިންގގައި ބޭނުންކުރާ ބޭހާއި އެނޫން ތަކެތި ދިވެހީންގެ ތެރެއަށް ތަޢާރަފުކުރުމަށާއި އެކަމަށް ވަގުތު ބޭނުންވާނެކަމަށާއި؛ ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ވިއްކާ ފަރާތްތަކުން ޕެސްޓިސައިޑް ވިއްކާއިރު، އެއާ ބެހޭ މަޢުލޫމާތު ދިނުމަށް ޝަރުތުކުރުން މުޙިއްމުކަމަށާއި އެގޮތުން ޕެސްޓިސައިޑް ބޭނުންކުރާނެގޮތާއި، ސަލާމަތީ ގޮތުން އަޅާނެ ފިޔަވަޅުތަކާއި، ޕެސްޓިސައިޑް ގެންގުޅުމުގައި ބަލަންޖެހޭ މިންގަޑުތައް ފަދަ މަޢުލޫމާތުތައް ފޯރުކޮށްދިނުމާއި ދަނޑުވެރިންގެ ރައްކާތެރިކަމާއި އެ ސިނާޢަތަށް ބޭނުންވާނެ ފްރޭމްވޯކްއެއް އޮތުން މުޙިއްމުކަމަށާއި؛ މިހާރު ދިވެހިރާއްޖެގައި ދަނޑުވެރިކަން ކުރާ ހުރިހާ ފަރާތްތަކުންވެސް ޕެސްޓިސައިޑަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާއިރު، ޕެސްޓިސައިޑް ބޭނުންކުރުން މަނާކޮށްފިކަމުގައި ވާނަމަ، އިޤްތިޞާދަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތި ވެދާނެ ކަމަށާއި އެހެންނަމަވެސް، އެކަށީގެންވާ ތަމްރީނާއި ހޭލުންތެރިކަން އިތުރުކޮށްގެން މަޑުމަޑުން ޕެސްޓިސައިޑް ބޭނުންކުރުން ކޮންޓްރޯލް ކުރުމަށާއި ހުއްޓުވުމަށް މަސައްކަތްކުރުމަށް ފެންނަކަމަށާއި؛ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ދަނޑުވެރިން ތަމްރީނުކުރުމަށާއި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ޕެސްޓިސައިޑާބެހޭ މަޢުލޫމާތު އެކަށީގެންވާ މިންވަރަށް ފޯރުކޮށްދެވިފައި ނުވާކަމަށާއި މި ބިލު ޤާނޫނަކަށް ވެގެންދާއިރު މިނިސްޓްރީގެ ދައުރު ވަރަށް ބޮޑަށް ފުޅާކުރުމަށާއި ނަތީޖާ ހާސިލްވާފަދަ ގޮތަކަށް ތަންފީޒްކުރުމަށް ބާރުއެޅުން މުހިންމު ކަމަށާއި؛ ބިލެއް އެކުލަވާލާއިރު ޕެސްޓިސައިޑްސް އާއި ހާބިސައިޑްސް، ފާޓިލައިޒެސް، ނިއުޓްރިޝަންސް ފަދަ ބާވަތްތައް ވަރަށް ރަނގަޅަށް ބަލަންޖެހޭ ކަމަށާއި ޕެސްޓިސައިޑް ބޭންކުރާއިރު، ނޫނީ ޕެސްޓިސައިޑްސް މަދު ކުރާއިރު، ޖީ.އެމް.އޯ ސީޑްސް. ބޭނުންކުރުން ހަމަ އެއްގޮތަކަށް ވެސް ޤަބޫލެއް ނުކުރެވޭކަމަށާއި ބޭސް ޖަހައިގެން ކާ އެއްޗެހި ވިއްކުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ. ޕެސްޓިސައިޑުގެ ވިޔަފާރިކުރާ ކުންފުނި: ދަނޑުވެރިކަމުގައި ޕެސްޓިސައިޑް ބޭނުންކުރާ މީހުން އެ ޕެސްޓިސައިޑް ބޭނުންކުރާ މިންވަރާއި އެ ފަރާތްތަކުން ޕެސްޓިސައިޑް ބޭނުންކުރާގޮތުގެ ތަފާސްހިސާބުތައް ބަލަހައްޓާނެގޮތްތައް ބިލުގައި ހިމެނުމަށާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބޭފުޅެއް ބޯޑުގައި ހިމެނުމަށާއި، ބަޔޯ ޕެސްޓިސައިޑްސް ނޫނީ ބަޔޮލޮޖިކަލް އެހެން ވައްތަރުތައް ބޭނުންކުރުމަށް ދަނޑުވެރިންނަށް ލަފާދޭކަމަށާއި، ކުންފުނިން ވެސް އެފަދަ ބާވަތްތައް ގެނެސްގެން މާކެޓް ކުރާނެ ކަމަށާއި އެއްވެސް ޙާލެއްގައި ޕެސްޓިސައިޑް އެހާ ގަދަޔަށް ބޭނުންކުރުން އެއީ ކުންފުނީގެ އަމާޒެއް ނޫންކަމަށް ހާމަކޮށްފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA