ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީއާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޖޮއިންޓް ކޮމިޓީ

ތާރީޚް

7 އޮކްޓޯބަރު 2019 11:00

ނަންބަރު

4

04 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީން ދިރާސާކުރެއްވުމަށް ފޮނުއްވާފައިވާ "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާބެހޭ ބިލު" އާ ގުޅޭގޮތުން، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، މިނިސްޓްރީ އޮފް ފިޝަރީޒް، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، މިނިސްޓްރީ އޮފް ހެލްތް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން ތިރީގައި ދެންނެވިފައިވާ ފަރާތްތަކާ ބައްދަލުކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން: 1. ޑރ. ޙުސައިން ރަޝީދު ޙަސަން މިނިސްޓަރ 2. ޑރ. ޢަބްދުﷲ ނަސީރު މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަމަންޓް 3. އަލްފާޟިލް މުޙައްމަދު ޒާހިރު ޑިރެކްޓަރ ޖެނެރަލް 4. އަލްއުސްތާޛާ ފަޒީލާ އަޙުމަދު ޝަހީމް އެސޯސިއޭޓް ލީގަލް ކައުންސެލް މިނިސްޓްރީ އޮފް ފިޝަރީޒް ގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން: 1. ޑރ. އައިމިނަތު ޝާފިއާ ޕަރމަނަންޓް ސެކްރެޓަރީ 2. އަލްފާޟިލް ހާމިދު އިބްރާހީމް ފުޅު ޕްރޮޖެކްޓް ކޯރޑިނޭޓަރ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ ގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން: 1. ޑރ. އިބްރާހީމް މުޙައްމަދު ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް 2. އަލްފާޟިލާ އިނާޔާ ޢަބްދުއްރަޙީމް އެސިސްޓެންޓް އިންޖިނިއަރ 3. އަލްފާޟިލް ޙަސަން އަޒްހަރު އެސިސްޓެންޓް ޑިރެކްޓަރ މިނިސްޓްރީ އޮފް ހެލްތް ގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން: 1. އަލްއުސްތާޛު މުޙައްމަދު ޢަބްދުލްޣަނީ ލީގަލް އޮފިސަރ 2. އަލްފާޟިލާ ސާޖިދާ މުޙައްމަދު ސައިންޓިފިކް އޮފިސަރ 3. އަލްފާޟިލާ އައިމިނަތު ޝައުފާ ޑިރެކްޓަރ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން: 1. އަލްފާޟިލާ ނާހިޔާ މުޙައްމަދު ޑިރެކްޓަރ 2. އަލްފާޟިލް އަޙްމަދު މިޤްދާދު ޑިރެކްޓަރ މި ބިލާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ވަޑައިގެންނެވި ބޭފުޅުން ޖަވާބުދެއްވާ، ބިލާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށްފަހު، މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަދި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ: ޕެސްޓިސައިޑް މާނަކުރުމުގައި ދަނޑުވެރިކަމުގެ ބޭނުންކުރާ ޕެސްޓިސައިޑަށް ޚާއްޞަކުރުމަށާއި ބިލުގެ ތަޢާރުފުގައި ޕެސްޓިސައިޑް ބޭނުންކުރުމުގައި ތިމާވެއްޓަށް ގެއްލުން ލިބޭ ޢަމަލުތައް ބަލައި ފިޔަވަޅުއެޅުން ހިމަނާފައިވާއިރު، އެކަންކަމަކީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަމެއްކަމަށާއި، ކުނީގެ ގޮތުގައި ނައްތާލަންޖެހޭ ޕެސްޓިސައިޑު ނައްތާލުމުގެ ބައެއް މާއްދާތައް ހިމެނިފައިވާއިރު، ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގެ ދަށުން ނުރައްކާތެރި ކުނި އަދި ޚާއްޞަ ޙާލަތުގައި އުފެދޭ ކުނި އަދި ޚާއްސަ ގޮތްގޮތަށް ނައްތާލަންޖެހޭ ކުނި ނައްތާލުމުގެ މަސައްކަތް މިހާރުވެސް ބަލަހައްޓަމުންދަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ މެންޑޭޓްގެ ދަށުން ކަމަށާއި، ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެފައިވާ ޕެސްޓިސައިޑާ ގުޅުންހުރި އެންމެހައި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ދިވެހިރާއްޖެއިން އުފުލަންޖެހޭ ޒިންމާތައް ތަންފީކުރުމާގުޅޭ އުޞޫލުތައް ބަޔާންކުރުން ހިމެނިފައިވީނަމަވެސް އެފަދަ ގިނަ މުއާހަދާތަކާ ގުޅޭ މަސައްކަތްތައް މިހާރުވެސް ކުރަމުންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ބެލެނިވެރިކަމުގެ ދަށުންކަން ފާހަގަ ކުރެވުނެވެ. އެހެން ކަމުން ޕެސްޓިސައިޑާ ގުޅުން ހުރި މަސައްކަތްތައް ރެގިއުލޭޓް ކުރުން އެންމެ އެކަށީގެންވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ކަމަށް ބުނެފައިވެއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މި ބިލަކީ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ އެހީގައި ތަޖުރިބާކާރުންނާއެކު އެކުލަވާލެވުނު ބިލެއްކަމަށާއި ބިލުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދަނޑުވެރިކަން ކުރާ ފަރާތްތަކުން ޕެސްޓިސައިޑް ގެންގުޅުމުގައި އެއްވެސް މިންގަޑެއްނެތި ގެންގުޅެމުން ނުރައްކާތެރި ކަންތައް ހިނގަމުންދާތީއާއި މިނިސްޓްރީއަށް ދަނޑުވެރިންނާއި ކައުންސިލްތަކުންނާއި އެކި ފަރާތްތަކުން ޝަކުވާތައް ހުށަހަޅަމުންދާތީ، އެކަން ކޮންޓްރޯލްކޮށް ބެލެހެއްޓުމަށް އެކުލަވާލެވުނު ބިލެއް ކަމަށާއި؛ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން އުފުލަންޖެހޭ ޒިންމާތައް ތަންފީޛުކުރުމާއި ކުނި ނައްތާލުމުގެ ކަންކަން ކުރިއަށްދާނީ އެ މަސްއޫލިއްޔަތެއް ހިމެނޭ ވުޒާރާއަކަށްކަމަށާއި މިނިސްޓްރީގެ އެންމެ ބޮޑު އެއް ބޭނުމަކީ ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ރެގިއުލޭޓް ކުރުން ކަމަށްވެސް ހާމަކުރިއެވެ. މިނިސްޓްރީ އޮފް ހެލްތް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި ފުޑް އެންޑް ޑްރަގް އޮތޯރިޓީ: ޕެސްޓިސައިޑާބެހޭ ބޯޑަކީ މިނިސްޓަރަށް ލަފާދިނުމަށްޓަކައި އުފައްދަވާ ބޯޑަކަށްވީނަމަވެސް ބޯޑުގެ މަސްޢޫލިއްޔަތުތަކަށް ބަލާއިރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަވާލުކުރައްވާފައިވުމާއި ޢަމަލީގޮތުން ބޯޑު މަސައްކަތްތައް އެގޮތަށް ކުރިއަށްދާނެކަމާމެދު ސުވާލުއުފެދޭކަމާއި ބައެއް ގަވާއިދުތައް ހެދުމުގެ ބާރު ބޯޑަށާއި މިނިސްޓަރަށް ގަވާއިދު ހެދުމުގެ ބާރު ދީފައިވާއިރު ފުށުއެރުންތަކެއް ހުރިކަމަށާއި، ޕެސްޓިސައިޑް މާނަކޮށްފައިވާގޮތް ބަދަލުކުރުމަށާއި ޢާންމު ސިއްޙަތާއި ތިމާވެށި ހިމަނާފައިވީއިރު، ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ހިފެހެއްޓުން ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނުމަށް ފެންނަކަމަށާއި؛ ޕެސްޓިސައިޑް ތަޙްލީލު ކުރުމަށްޓަކައި ރަސްމީ ލެބޯރޓަރީތައް ޤާއިމްކުރުމަކީ ފީސިބަލްކަމެއްތޯ ބަލާލުން މުޙިންމުކަމަށާއި އަދި މިހާރު ނެޝަނަލް ހެލްތް ލެބޯރޓަރީން ޕެސްޓިސައިޑް ރެސިޑިއު ތަހުލީލް ކުރުމަށް ތައްޔާރު ވަމުން ދާއިރު، ބިލުގައިވާ ތަހުލީލު ކުރުމުގެ މަސައްކަތް އެ ލެބޯރޓަރީ މެދުވެރިކޮށް ކުރުމުން ތަންފީޛުކުރުމަށް ފަސޭހަ ވެގެން ދާނެކަމަށާއި؛ ބިލުގެ އިންތިޤާލީ ކަންކަމަށް ކަނޑައަޅުއްވާފައިވާ މުއްދަތުތަކުގެތެރޭގައި ހިމެނިފައިވާ މުއްދަތުތައް ވަރަށް ދިގުކަމަށާއި އެގޮތުން މިހާރު ބޭނުންކުރެވެމުންދާ ޕެސްޓިސައިޑަކީ ވަރަށް ނުރައްކާތެރި އޭގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށް ފެންނަ އެއްޗެއްކަމުގައިވާ ޙާލަތެއްގައި 21 މަސް ދުވަހަކީ ވަރަށް ދިގު މުއްދަތެއްކަން ފާހަގަ ކުރިއެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް: ޕެސްޓިސައިޑްގައި ހުންނަންޖެހޭ ކަމަށް ބައިނަލްއަޤްވާމީ މިންގަނޑުތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކެއްގެ ވާހަކަ ބަޔާންކޮށްފައިވީހިނދު، އެ މިންގަޑުތައް ޝާޢިއުކުރުން މުޙިއްމުކަމަށް ފާހަގަކުރިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA