ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީއާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޖޮއިންޓް ކޮމިޓީ

ތާރީޚް

21 އޮކްޓޯބަރު 2019 14:00

ނަންބަރު

7

07 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާބެހޭ ބިލު" ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީން އެ ބިލު ދިރާސާކުރައްވާ ނިންމަވާފައިވާ ގޮތުގެ ރިޕޯޓާމެދު މަޝްވަރާކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، މި ރިޕޯޓާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އަދި މި ބިލު، ސަބް ކޮމިޓީން ދިރާސާކުރެއްވުމުގައި ގެންނަވާފައިވާ ބަދަލުތަކާމެދު މަޝްވަރާކުރައްވާ، ކޮމިޓީގެ މެންބަރުން ބިލަށް އިތުރަށް ގެންނަން ފެނިވަޑައިގަންނަވާ އިޞްލާޙުތަކާމެދު މަޝްވަރާކުރައްވައި ކޮމިޓީން ހުށަހެޅި އިޞްލާޙްތަކާއެކު ބިލު ތަޅުމަށް ފޮނުއްވުމަށް ނިންމެވިއެވެ. ބިލަށް ގެނެވުނު މައިގަނޑު އިޞްލާޙުތައް ތިރީގައި އެވަނީއެވެ. 1. މި ޤާނޫނުގެ ބޭނުމަކީ ދަނޑުވެރިކަމުގައި ޕެސްޓިސައިޑް ބޭނުންކުރާ މިންވަރު މަދުކުރުމަށް ބާރުއެޅުމާއި، ކޮންޓްރޯލްކުރުމާއި ރެގިއުލޭޓްކުރުމަށްކަމަށް ވީހިނދު، ޤާނޫނުގެ ނަން "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާބެހޭ ޤާނޫނު" ބަދަލުގައި "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު" އަށް ބަދަލުކުރުން؛ 2. ދެމެހެއްޓެނިވިގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ދިވެހިރާއްޖޭގައި ކުރިއެރުވުމަށްޓަކައި ޕެސްޓިސައިޑް ބޭނުން ކުރަން ޖެހޭނެކަމަށް ނުފެންނާތީ، ތަޢާރުފުގައާއި މަޤްޞަދުތަކުގެ ތެރޭގައި ހިމަނުއްވާފައިވާ "ދެމެހެއްޓެނިވިގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ދިވެހިރާއްޖޭގައި ކުރިއެރުވުމަށްޓަކައި ޕެސްޓިސައިޑް ބޭނުންކުރުން" އެ ޖުމްލަ އުނިކުރުމަށްފަހު، އެ މައްދާތައް އިޞްލާޙްކުރުން؛ 3. ބިލުގެ 2 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް (ކ) ގެ ގޮތުގައި "ދިވެހިރާއްޖޭގައި ޕެސްޓިސައިޑް ބޭނުންކުރާ މިންވަރު މަދުކުރުމަށާއި، ޕެސްޓިސައިޑްގެ އޮލްޓަނޭޓިވްސް (ބަޔޯޕެސްޓިސައިޑް) ބޭނުންކުރުން ކުރިއަރުވަން ބާރުއެޅުވުން" މި ގޮތަށް ބަޔާންކޮށް އަކުރެއް އިތުރުކުރުން؛ 4. މިނިސްޓްރީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ މަސައްކަތެއްކުރުމަށް ޔުނިޓެއް އުފެއްދުމުގެ ބަދަލުގައި، މިނިސްޓްރީގައި ޕެސްޓިސައިޑާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް ބޭނުންވާނެ އިދާރީ އިންތިޒާމް މިނިސްޓަރު ހަމަޖައްސާގޮތަށް ބިލަށް ބަދަލުގެނައުން؛ 5. ގިނަ މަސައްކަތްތަކެއް އަމަލީގޮތުން ކުރާ ގޮތަށް ޕެސްޓިސައިޑާބެހޭ ބޯޑެއް އުފެއްދުމަކީ މަސައްކަތްތައް ހަލުއިވާނޭ ކަމެއް ކަމަށް ނުފެންނާތީ، އޭގެ ބަދަލުގައި މި ޤާނޫނު ތަންފީޒުކުރުމުގެ ގޮތުން މިނިސްޓަރަށް ބޭނުންވާނެ ލަފަޔާއި މަޝްވަރާ ހޯދުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި، މިނިސްޓްރީ އޮފް ޑިފެންސް އާއި މިނިސްޓްރީ އޮފް ހެލްތާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހިމެނޭ ގޮތަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތައް ހިމަނައިގެން ލަފާދޭ ކޮމިޓީއެއް އެކުލަވާލުމުގެ ބާރު މިނިސްޓަރަށް މަތިކުރުމަށް ނިންމައި، މި ބިލުގެ ތިންވަނަ ބާބުގައި ހިމަނާފައިވާ ޕެސްޓިސައިޑާބެހޭ ބޯޑާގުޅޭ ހުރިހާ މާއްދާއެއް އުނިކުރުމަށާއި، ބިލުގައި ޕެސްޓިސައިޑް ޔުނިޓާއި ބޯޑަށް މަތިކޮށްފައިވާ ކަންކަން މިނިސްޓްރީގެ މައްޗަށް ބަދަލުކޮށް އެ އިޞްލާޙުތައް ގެނައުން؛ 6. ބިލުގެ 20 ވަނަ މާއްދާގައި އިންތިޤާލީ ކަންކަން ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުތައް ކުރުކުރުން؛ 7. ބިލުގެ 24 ވަނަ މާއްދާއަށް (ރ) ގެ ގޮތުގައި "މި ޤާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑެއް ދިވެހިރާއްޖޭގައި ވިޔަފާރީގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކަށް ބޭނުންކުރާނަމަ އެ ޕެސްޓިސައިޑެއް ބަންދުކޮށްފައިވާ ކޮންޓެއިނަރެއްގައި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ދިވެހިބަހުންނާ އިގިރޭސި ބަހުން ހިމަނާފައިވާންވާނެއެވެ." މި ގޮތަށް ބަޔާންކޮށް އަކުރެއް އިތުރުކުރުން؛ 8. ބިލުގެ 28 ވަނަ މާއްދާގައި ޕެސްޓިސައިޑް އިޝްތިހާރު ކުރެވޭ ގޮތައް އޮތް އޮތުން، އިޞްލާޙުކޮށް ދިވެހިރާއްޖޭގައި ޕެސްޓިސައިޑެއް އިޝްތިހާރުކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން އެއްވެސް ކަމެއް ކުރުމަކީ މަނާކަމެއްކަމަށް ކަނޑައަޅައި، އެ މާއްދާގެ ދަށުން ހިމަނާފައިވާ އަކުރުތައް އުނިކުރުން؛ 9. ބިލުގައި ކަނޑައަޅާފައިވަނީ ޖޫރިމަނާގެގޮތުގައި ނެގޭނެ އެންމެ ބޮޑު މިންވަރު ކަމަށްވާތީ، ޖޫރިމަނާގެގޮތުގައި ނެގޭނެ އެންމެ މަދު މިންވަރުވެސް ހިމަނައި، ޖޫރިމަނާގެ ޢަދަދުތައް އިޞްލާޙުކުރުން؛ 10. ބިލުގައި "ޕެސްޓިސައިޑް" މާނަ ކޮށްފައިވާގޮތުން ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑްގެ އިތުރުން އެހެނިހެން ޕެސްޓިސައިޑްވެސް މި ބިލުގައި ހިމެނޭކަމަށް ފާހަގަ ކުރެވޭތީ، އަދި ބިލުގެ މަޤްސަދަކީ ދަނޑުވެރިކަމުގައި ބޭނުން ކުރެވޭ ޕެސްޓިސައިޑް ކޮންޓްރޯލް ކުރުން ކަން އެނގެން އޮންނާތީ، "ޕެސްޓިސައިޑް" ކަމަށް ބުނެފައި އެވަނީ، ދަނޑުވެރިކަމުގެ ބޭނުމަށް ޕެސްޓް ނައްތާލުމަށާއި ކޮންޓްރޯލް ކުރުމަށްޓަކައި ބޭނުން ކުރުމަށް ކަނޑައަޅާފައިވާ އެއްވެސް ބާވަތެއް، ނުވަތަ ގިނަ ބާވަތްތަކެއް އެއްކޮށްގެން ހަދާފައިވާ ބާވަތްތައްކަން އެނގޭގޮތަށް "ޕެސްޓިސައިޑް" ގެ މާނަ އިޞްލާޙުކުރުން؛ 11. ބިލަށް ކޮމިޓީން ގެންނެވި އިޞްލާޙުތަކުގެ ސަބަބުން ދިވެހިރާއްޖޭގައި ޕެސްޓިސައިޑްގެ ގޮތުގައި އުފެއްދޭނެ، ބޭނުންކުރެވޭނެ، ވިއްކޭނެ، ދިވެހިރާއްޖެއަށް އިމްޕޯޓުކުރެވޭނެ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރެވޭނެ ބާވަތުގެ ޕެސްޓިސައިޑަށް ހުއްދަ ދިނުމާއި، މި ޤާނޫނުގެ ދަށުން ލައިސަންސް ދޫކުރުމާއި، ހުއްދަ ދިނުމަށް ހުށަހެޅޭ ޕެސްޓިސައިޑްތަކަށް ހުއްދަ ދިނުމާއި، ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީ މުރާޖަޢާކޮށް، އުނިއިތުރު ގެނައުމުގެ ކަންކަންކުރުން މިނިސްޓްރީން ކުރާ ގޮތައް އިސްލާޙުގެނައުން؛ 12. ޤާނޫނު ހިންގުމުގެ މަސްއޫލިއްޔަތު އެންމެ އެކަށީގެންވާ ގޮތެއްގެމަތިން ޙަވާލުކުރެވިދާނެ ފަރާތެއް ކަނޑައެޅުއްވުމަށްޓަކައި، މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއެކު އިތުރަށް މަޝްވަރާ ކުރެއްވުމަށްޓަކައި ބޭއްވުނު މައި ކޮމިޓީގެ ބައްދަލުވުމުގައި ކުރެއްވެވި މަޝްވަރާތަކަށް ބިނާކޮށް މި ޤާނޫނު ހިންގުމުގެ މައިގަނޑު މަސްއޫލިއްޔަތު ޙަވާލުވެގެންވާ ފަރާތް ބަދަލުކުރުމަށް ނުފެންނަކަމަށް؛ 13. ބިލުގެ 45 ވަނަ މާއްދާގެ ފަހަތަށް 46 ވަނަ މާއްދާގެގޮތުގައި "ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާއެއް ނުވަތަ ދިވެހިރާއްޖެއިން ވެފައިވާ ބައިނަލްއަޤްވާމީ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖެއިން އުފުލަންޖެހޭ ޒިންމާއަކާގުޅިގެން ސަރުކާރުގެ ވަކި ވުޒާރާއަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތެއް އަދާކުރާނީ މި ޤާނޫނަށް އަމަލުކުރަންފެށުމަށްފަހުގައިވެސް އެ ވުޒާރާއަކުންނެވެ." މި ގޮތަށް ބަޔާންކޮށް އަކުރެއް އިތުރުކުރުން؛

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA