ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީގެ ސަބް ކޮމިޓީ (ރިޒޯޓުތަކުގެ ސަރވިސް ޗާޖް ދިނުމުގައި ޢަމަލުކުރަމުންދާ އުޞޫލު ދިރާސާކުރުން)

ތާރީޚް

17 ޖުލައި 2019 12:00

ނަންބަރު

1

އިޤްތިޞާދީ ކޮމިޓީގެ ސަބް-ކޮމިޓީ (ރިޒޯޓުތަކުގެ ސަރވިސް ޗާޖް ދިނުމުގައި ޢަމަލުކުރަމުންދާ އުޞޫލު ދިރާސާކުރުން)ގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތެވެ. މިމަސައްކަތް ކުރިޔަށް ގެންގޮސްދެއްވީ، ޑިރެކްޓަރ އެކައުންޓްސް، އަލްފާޟިލާ ނިއުސާ އަޙުމަދު ނަސީރުއެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީ 1 ނަންފުޅަކަށެވެ. އެއީ، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ހުށަހަޅުއްވައި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކުރެއްވި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ގެ ނަންފުޅެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. އަދި މުޤައްރިރުގެ ނައިބަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީވެސް 1 ނަންފުޅަކަށެވެ. އެއީ، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ހުށަހަޅުއްވައި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާއީދުކުރެއްވި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ގެ ނަންފުޅެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ އިއްތިފާޤުން، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ކޮމިޓީގެ މުޤައްރިރުގެ ނައިބަކަށް ހޮވިވަޑައިގަތެވެ. މިއަށްފަހު، އިޤްތިޞާދީ ކޮމިޓީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކޯރަމް ގެ އަދަދާއި، ކޮމިޓީގެ މަސްއޫލިއްޔަތު އަންނަނިވި ގޮތަށް ބަދަލުކުރެއްވުމަށާއި، މި ބަދަލުތައް ގެނައުމަށްފަހު، އެ ގަވާއިދަކީ ސަބް-ކޮމިޓީގެ ވެސް ހިންގާ ގަވާއިދު ކަމުގައި ނިންމެވިއެވެ. ކޮމިޓީގެ މަސްއޫލިއްޔަތު: • ރާއްޖޭގެ ރިޒޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ދެވޭ މުސާރައާއި ޢިނާޔަތްތަކާއި ގުޅޭގޮތުން މުވައްޒަފުންނަށް ސަރވިސް ޗާޖް ލިބިދެވޭތޯ ބެލުން. މިއަށްފަހު، ސަރވިސް ޗާޖުގެ ގޮތުގައި ރިސޯޓުތަކުން ދައްކާ ފައިސާގެ އަދަދު ހޯދުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ކޮމިޓީން ފޮނުއްވި ސިޓީގެ ޖަވާބާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، އެޖަވާބުގައި، ކޮމިޓީން ބޭނުންފުޅުވާ މަޢުލޫމާތު ލިބިދެވިފައި ނުވާތީ، 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި، ވަކި ވަކި ރިސޯޓުތަކުން ޓީ-ޖީ.އެސް.ޓީ.ގެ ގޮތުގައި ލިބިފައިވާ މިންވަރު ވަކި ވަކިން އެނގޭނޭ ގޮތަށް ހޯއްދެވުމަށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. އަދި މިނިސްޓްރީ އޮފް ޓޫރިޒަމަށާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް، ސަރވިސް ޗާރޖް ނެގުމާ ގުޅޭ އެއްވެސް އުޞޫލެއް އެބައޮތްތޯ ބެއްލެވުމަށް ސިޓީ ފޮނުއްވުމަށް ނިންމަވާ މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA