ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީގެ ސަބް ކޮމިޓީ (ބާޠިލުކުރެވިފައިވާ ކޮންޓްރެކްޓް މައްސަލައާ ގުޅޭ)

ތާރީޚް

31 ޖުލައި 2019 14:00

ނަންބަރު

1

އިޤްތިޞާދީ ކޮމިޓީގެ ސަބް ކޮމިޓީ (ބާޠިލުކުރެވިފައިވާ ކޮންޓްރެކްޓް މައްސަލައާ ގުޅޭ) ގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތެވެ. މިމަސައްކަތް ކުރިޔަށް ގެންގޮސްދެއްވީ، ޑިރެކްޓަރ އެކައުންޓްސް، އަލްފާޟިލާ ނިއުސާ އަޙުމަދު ނަސީރުއެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީ 1 ނަންފުޅަކަށެވެ. އެއީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ތާއީދުކުރެއްވި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ގެ ނަންފުޅެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. އަދި މުޤައްރިރުގެ ނައިބަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީވެސް 1 ނަންފުޅަކަށެވެ. އެއީ، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ހުށަހަޅުއްވައި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ތާއީދުކުރެއްވި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ގެ ނަންފުޅެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ އިއްތިފާޤުން، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ކޮމިޓީގެ މުޤައްރިރުގެ ނައިބަކަށް ހޮވިވަޑައިގަތެވެ. މިއަށްފަހު، އިޤްތިޞާދީ ކޮމިޓީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކޯރަމް ގެ އަދަދު 4 އަށް ހެއްދެވުމަށްފަހު، އެ ގަވާއިދަކީ ސަބް-ކޮމިޓީގެ ވެސް ހިންގާ ގަވާއިދު ކަމުގައި ނިންމެވިއެވެ. މިއަށްފަހު، މައި ކޮމިޓީން ސަބްކޮމިޓީއަށް ފޮނުއްވާފައިވާ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ، ސަރުކާރުން ކުރިއަށްގެންދަވާ އެކި އެކި މަޝްރޫޢުތަކާ ގުޅިގެން އެކި ފަރާތްތަކާ އެކު ހަދާފައިވާ ކޮންޓްރެކްޓްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާ ގުޅިގެން، މިހާތަނަށް ބާޠިލުކުރެވިފައިވާ ކޮންޓްރެކްޓްތަކުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، ވަމުންދާ ގެއްލުންތައް، އަދި އެކަމުގެ ސަބަބުން އިޤްތިޞާދަށް ކޮށްފާނެ އަސަރު ދެނެގަތުމުގެ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. އަދި މިކަމާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ، މައި ކޮމިޓީގައި އެއްބަސްވުމަކަށް އާދެވިފައިވާ ގޮތަށް، އެކި މިނިސްޓްރީތަކަށް، އެ މިނިސްޓްރީއެއްގެ ދަށުން ހިންގި އެއްވެސް ކޮންޓްރެކްޓެއް ބާތިލުކޮށްފައިވޭތޯ އާއި ބާތިލު ކުރަންޖެހުނު ސަބަބު، އަދި އެކަމުގެ ސަބަބުން އެއްވެސް މާލީ ގެއްލުމެއް ލިބިފައިވޭތޯ ބެއްލެވުމަށް ސިޓީ ފޮނުއްވުމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިސްވެ ދެންނެވި މަޢުލޫމާތު ހޯއްދެވުމަށްޓަކައި ޕަބްލިކް ކޮމްޕެނީސް މޮނިޓަރިން ބޯޑަށް ވެސް ސިޓީ ފޮނުއްވުމަށްވެސް ނިންމެވިއެވެ. އަދި މިގޮތުން ފޮނުވާނެ ސިޓީ ޑްރާފްޓް ކުރެއްވުމަށްފަހު މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA