ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީއާއި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ޖޮއިންޓް ސަބް ކޮމިޓީ (ޖަލު ސިޓީތަކާގުޅޭ)

ތާރީޚް

22 ޖެނުއަރީ 2020 12:20

ނަންބަރު

1

2020 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، ލީގަލް އޮފިސަރ އަލްއުސްތާޛާ އައިމިނަތު އަސްފާ ޝާފިޢީ އެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ހުށަހަޅުއްވާ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީތާއީދުކުރައްވާފައިވަނީ ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީ އަށް ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤޫން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ މި ކޮމިޓީގެ މުޤައްރިރުގެ ގޮތުގައި ހޮވެވުނެވެ. އަދި ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ހުށަހަޅުއްވާ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ތާއީދުކުރެއްވީ ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒްގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީ އަށް ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް މި ކޮމިޓީގެ ނައިބު މުޤައްރިރުގެ ގޮތުގައި ހޮވެވުނެވެ. އެއަށްފަހު، މި ކޮމިޓީގެ ބައްދަލުންތައް ކުރިއަށް ދާއިރު ކޮމިޓީގެ ބައްދަލުންތަކުގައި ބައިވެރިވެވަޑައިގެންދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ކްލެމެންސީ ބޯޑުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޝިފާޢު އަށް ސިޓީއިން ދެންނެވުމަށް ކޮމިޓީގައި ނިންމެވިއެވެ. އަދި މިއާއި އެކު، ޕެރޯލު ބޯޑު އަދި ކްލެމެންސީ ބޯޑު ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި، ކޮންމެ އަހަރަކުމެ ޕެރޯލް ބޯޑުން ބާއްވަވާފައިވާ ބައްދަލުވުންތަކުގެ ޖުމްލަ ޢަދަދާއި، އެ ބައްދަލުންތަކަށް ބޯޑުގައި ހިމެނިވަޑައިގަންނަވާ ވަކިވަކި މެންބަރުން ޙާޒިރުވެވަޑައިގެންނެވި ގޮތުގެ ތަފްޞީލް ކޮމިޓީ އަށް ހޯދުމަށް އެފަރާތްތަކަށް ކޮމިޓީން ސިޓީން ދެންނެވުމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ނިންމެވިއެވެ. އެއަށްފަހު، ާ، ޣައިރު ހާޒިރުގައި ޙުކުމްކުރެވި، އެ ޙުކުމް ތަންފީޛުނުކުރެވި، އެހެން ނަމަވެސް އެބައެއްގެ ޕާސްޕޯޓު ގިނަ އަހަރުތަކެއް ވަންދެން ހިފެހެއްޓިފައިވާ މީހުންގެ މަޢުލޫމާތު ކޮމިޓީއަށް ޙިއްޞާކޮށް ދެއްވުމަށާއި، މި މައްސަލަތަކަށް ހަމަޖެހޭ ޙައްލެއް ހޯއްދެވުމަށް ތިޔަ މިނިސްޓްރީން ގެންގުޅުއްވާ އުޞޫލަކީ ކޮބައިކަން ދެނެގަތުމަށް މިނިސްޓްރީ އަށް ސިޓީ އެއް ފޮނުއްވުމަށް ވެސް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
22 ޖެނުއަރީ 2020 - ޖަލުތަކުގައި ޙުކުމް ތަންފީޛުކުރަމުންދާ ފަރާތްތަކުން ފޮނުވާފައިވާ ސިޓީތަކުގެ މައްސަލަ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA