ލާމަރުކަޒީ ކޮމިޓީގެ ސަބްކޮމިޓީ (ކައުންސިލްތަކުން ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލަތައް ބަލާ ކޮމިޓީ)

ކައުންސިލްތަކުން ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލަތައް ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް-ކޮމިޓީގެ 2023 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

4 އޭޕްރީލު 2023 11:10 ނަންބަރު 1

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، އެންމެ ފުރަތަމަ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ހުށަހަޅުއްވައި އަދި ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ތާއީދުކުރައްވައި ކޮމިޓީގައި އެވަގުތު ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެވުނީ ކޮމިޓީގެ މުޤައްރިރު ކަމުގައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އަދި ނައިބު މުޤައްރިރު ކަމުގައި ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު އެވެ. އެއަށްފަހު، ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިޔަށް ގެންދެވިއެވެ. އެގޮތުން އެންމެ ފުރަތަމަ، މުލީގެ އެއާޕޯޓުގެ ޢަމަލީ މަސައްކަތް ފެށުމުގެ ވަގުތު ކުޑަތަންވެފައިވަނިކޮށް، އެއާޕޯޓް ތަރައްޤީ ކުރާނެ ޕްލޭނެއް މުލީ ކައުންސިލުން ފާސްކޮށް ރައްޔިތުންނާ ހިއްސާކޮށް ރަށުގެ ލޭންޑްޔޫސް ޕްލޭންގައި ހިމެނިފައި އޮއްވާ އަދި ސަރުކާރުގެ މުއައްސަސާތަކުން މުލީ ކައުންސިލާއި އެ ޕްލޭން ކުރިން ހިއްސާކޮށްފައިވަނިކޮށް، ކުއްލިއަކަށް މުއްޔަށް ނުހަނު ގެއްލުންވާނެގޮތަށް އާ ޕްލޭނެއް އެކުލަވާލައި އާ ކުރެހުމެއް ތައްޔާރުކޮށް ކައުންސިލާއި ރައްޔިތުންނާ ހިއްސާކުރުމެއްނެތި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަންގެ ނުފޫޒާއި ބާރާއެކު ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާތީ އެ މައްސަލައަށް ޙައްލެއް ހޯއްދަވައި ދެއްވުމަށް އެދި މުލީ ކައުންސިލްގެ އިދާރާއިން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. މި މައްސަލައިގެ މަޢުލޫމާތު ސާފުކުރިއިރު، މި މައްސަލަ މިހާރު ޙައްލުވެފައިވާކަމަށް އެ ކައުންސިލުން ކޮމިޓީއަށް މަޢުލޫމާތު ދެއްވާފައިވާތީ މި މައްސަލަ ނިންމެވިއެވެ. އެއަށްފަހު، މާލެ ސިޓީ ކައުންސިލަށް ހުރި ގޮންޖެހުންތަކާއި ދަތިތަށް ބަޔާންކޮށް އެ ކައުންސިލުން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، އެ ސިޓީގައި ފާހަގަކުރައްވާފައިވާ މައްސަލަތަކާ ގުޅުންހުރި އިދާރާތަކަށް ފޮނުވާފައި ހުރި ސިޓީތަކުގެ ޖަވާބު ލިބިފައިވާތީ، އެ ޖަވާބުތަކުގެ މައްޗަށް އެކުލެވޭ ރިޕޯޓެއް ތައްޔާރުކުރުމަށް ނިންމެވިއެވެ. އަދި އެ މައްސަލަތަކާ ގުޅޭގޮތުން ކައުންސިލްގެ އަޕްޑޭޓެއް ބެއްލެވުމަށްވެސް ނިންމެވިއެވެ. ތިންވަނަ ކަމަކަށް، ށ.ނޫމަރާގެ ބަނދަރު ހެދިފައިވާގޮތުން ރަށުގެ ވަށައިގެން ދައުރުވާ ވެލިގަނޑު ފަޅަށާއި ނެރުތެރެއަށް އެޅި ފަޅުތިލަވުމުގެ މައްސަލަ ކުރިމަތިވެ ލަފާފުރުން މުޅިންކަހަލަ ގޮތަކަށް ހުއްޓިފައިވާތީއާއި، ކައުންސިލްގެ ޚިދުމަތްތައް ދެމުން އަންނަނީ 40 އެތައް އަހަރެއްވެ ބައުވެ ވެއްޓެން ކައިރިވެފައިވާ އިމާރާތެއްގައިކަން ފާހަގަކޮށް، ދިވެހިރާއްޖޭގެ އެންމެ ހާލަތު ދަށް ކައުންސިލް އިދާރާކަމުގައި ކަނޑައަޅާ 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ފޮނުވި ޕީ.އެސް.އައި.ޕީ ލިސްޓުގެ އެއްވަނައިގައި އެ މަޝްރޫޢު ހިމަނާފައިވީނަމަވެސް، ބަޖެޓު ފާސްކުރެވިފައިވަނީ އެ މަޝްރޫޢު އުނިކުރުމަށްފަހުގައިކަން ބަޔާންކޮށް ނޫމަރާ ކައުންސިލްގެ އިދާރާއިން ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އެގޮތުން، އެ މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. ދެން، ގދ. ގައްދޫ ކައުންސިލުން ގޭދޮށު މަސްޕްލާންޓް ހަދާ ހިންގާނެ ފަރާތެއް ހޯދުމަށް އެދި އިއުލާންކޮށްފައިވާ، ގދ.ގައްދޫ ކައުންސިލުގެ ނަންބަރު (IUI)419-ESMSEDI/419/2020/63 (17 ޑިސެންބަރު 2020) އިއުލާނާ ގުޅިގެން ބޭރުގެ ފަރާތްތަކުން އެ މަސައްކަތް ކުރުމަށް ތައްޔާރަށް ތިބިކަމަށް އެފަރާތުން ބުނުމާއެކު އެކަން ވިޔަނުދީ ސަރުކާރުން ހިފަހައްޓާފައިވާތީ ހުށަހަޅުއްވާފައިވާ މައްސަލަ މިހާރު ޙައްލުވެފައިވާތީ، މައްސަލަ ހުށަހެޅި ފަރާތުން އެ މައްސަލަ އަނބުރާ ގެންގޮސްފައިވާތީ، މައްސަލަ ނިންމެވިއެވެ. އެއަށްފަހު، ލާމަރުކަޒީ ޤާނޫނާ ޚިލާފަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރަސްޓްރަކްޗަރ އިން މާލޭގެ މަގުތައް ހެދުމަށް ފައްޓަވާފައިވާ މާލޭގެ މަގުހެދުމުގެ މަޝްރޫޢު ހުއްޓުވައި ދެއްވުމަށް ލާމަރުކަޒީ ކޮމިޓީއާއި އެސް.އޯ.އީ ކޮމިޓީގެ ފަރާތުން މި ކަމުގައި ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަން ކުންފުނީގެ މައްސަލައެއްވޭތޯ ބައްލަވައި ދެއްވުން އެދި ފޮނުއްވާފައިވާ ސިޓީ އަދި އެސް.އޯ.އީ ކޮމިޓީން މި ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލާއި ޕްލޭނިންގ މިނިސްޓްރީއާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. ހަވަނަ ކަމަކަށް، ފުނަދޫ އަކީ ރައްޔިތުންގެ އިންޖީނުގެއެއް ހިންގާ ރަށަކަށްވުމާއިއެކު، ކަރަންޓުގެ ޙިދުމަތްދޭ އެހެން ކުންފުނިތަކަށް ސަރުކާރުގެ ފަރާތުން ދެއްވާ ސަބްސިޑީ ލިބޭނޭގޮތް ހައްދަވައިދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލަ މިހާރު ހައްލުވެފައިވާތީ، އެ މައްސަލަ ވެސް ނިންމަވާލެއްވިއެވެ. މީގެއިތުރުން، ފާދިއްޕޮޅު ސްޓޭޓް ހައުސްގެ ޢިމާރާތަކީ މަރާމާތު ނުކޮށް ގިނަދުވަސްވުމުގެ ސަބަބުން ފާރުތައް ފީވެ ވީރާނާވެ ވެއްޓެން ކައިރިވެފައިވާށި ޢިމާރާތަކަށްވެފައި، އެ ޢިމާރާތް މަރާމާތުކުރުމަކީ އައު ޢިމާރާތެއް އެޅުމަށްވުރެ ޚަރަދު ބޮޑުވެގެންދާ ކަމެއް ކަމަށްވާތީ، އައު ޢިމާރާތެއް ބިނާކުރުމުގެ އިންތިޒާމް ވީހައިވެސް އަވަހަކަށް ހަމަޖައްސަވައިދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ ސިޓީ ދިރާސާކުރެއްވިއެވެ. އެގޮތުން، މި މައްސަލައަކީ މި ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލައަކަށް ނުވާތީ، ކަމާގުޅޭ އިދާރާތަކަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް އެ ފަރާތުގައި ދެންނެވުމަށް ނިންމެވިއެވެ. އެއަށްފަހު، "ވ.އަތޮޅު ފިހާރަ" ހިންގަމުންދާ ޢިމާރާތުގެ ފާއިތުވި 4 އަހަރުގެ ކުލީގެ ގޮތުގައި މިނިސްޓްރީ އޮފް ފިނޭންސަށް ބަލައިގަނެފައިވާ ފައިސާ އަތޮޅު ކައުންސިލަށް ލިބިފައިނުވާތީ، އެ ފައިސާ ފެލިދެއަތޮޅު ރައްޔިތުންނަށް ހޯދައިދިނުމުގައި މަސައްކަތްކޮށްދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައިގައި މިނިސްޓްރީ އޮފް ފިނޭންސުން މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމަވައި، މިއަދުގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

14 މާރިޗު 2023

"ވ.އަތޮޅު ފިހާރަ" ހިންގަމުންދާ ޢިމާރާތާގުޅޭ މައްސަލަ.

ކުރިޔަށް ދަނީ

13 މާރިޗު 2023

ޅ.އަތޮޅު ސްޓޭޓް ހައުސްގެ ޢިމާރާތާ ގުޅޭ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

29 އޯގަސްޓު 2022

މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ހުށަހަޅުއްވާފައިވާ މައްސަލަ.

ކުރިޔަށް ދަނީ

7 ޖުލައި 2022

މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ހުށަހަޅުއްވާފައިވާ މައްސަލަ.

ކުރިޔަށް ދަނީ

21 ޖޫން 2022

ގައްދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

6 ފެބްރުއަރީ 2022

ށ.ނޫމަރާ ކައުންސިލްގެ އިދާރާ އިން ފޮނުއްވާފައިވާ ސިޓީ

ކުރިޔަށް ދަނީ

6 ޑިސެމްބަރު 2021

މާލެ ސިޓި ކައުންސިލަށް މިވަގުތު ހުރި ގޮންޖެހުންތަކާއި ދަތިތަށް ބަޔާންކޮށް ފޮނުއްވާފައިވާ ސިޓީ.

ކުރިޔަށް ދަނީ

29 އޭޕްރީލު 2021

މ.މުލީގެ އެއާޕޯޓާގުޅޭ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA