ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

30 މާރިޗު 2021 12:30

ނަންބަރު

17

އިޤްތިޞާދީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 17 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި، ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ ހޮޓާ، ކެފެޓޭރިއާ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިކަން ޙައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމު ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކަމާގުޅުން ހުރި އިދާރާތަކުން އިތުރަށް މަޢުލޫމާތު ސާފުކުރުމަށް ނިންމެވިއެވެ. އެއަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސްގެ ބިލު ގެ ސުންގަޑި 31 މާރިޗު 2021 ގެ ނިޔަލަށް ހަމަވާތީ، އެ ބިލުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 31 ޖޫން 2021 ކަމުގައި ކޮމިޓީގެ އިއްތިފާޤުން ނިންމެވިއެވެ. ދެން ކުރިއަށް ގެންދެވީ، ޢާންމު ފަރާތްތަކުން ހުށަހަޅާފައިވާ ސިޓީތަކާ ގުޅޭގޮތުން އެ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ޖަވާބާމެދު ކޮމިޓީގެ މެންބަރަކު އިޢުތިރާޒްކުރުމުން، އެ ސިޓީތަކާމެދު ގޮތެއް ނިންމުމުގެ މަސައްކަތެވެ. އެގޮތުން، 1.ކޮވިޑް-19 ގެ ލޮކްޑައުންތެރޭގައި ވަން އެންޑް އޮންލީ ރީތި ރަށުގައި މަސައްކަތްކުރަމުންދިޔަ ދިވެހި މުވައްޒަފުން ވަޒީފާ ގެއްލިފައިވާ މައްސަލަ އެމްޕްލޮއިމަންޓް ޓްރައިބިއުނަލަށް ހުށަހަޅާފައިވާކަމަށާއި، އެ ރިސޯޓުން ކްރިސްމަސް ނިއުއިޔަރ އަށް 200 ބިދޭސީން ރިކްރޫޓްކޮށްފައިވާކަމަށް ބަޔާންކޮށް އެ މައްސަލަ ޙައްލުކޮށްދިނުމަށްއެދި ލުތުދީ އާދަމް، ރަންމުތީގެ/ގއ. ވިލިނގިލި ފޮނުވާފައިވާ ސިޓީއާ ގުޅިގެން އެ މައްސަލައިގެ ކަންހިނގާފައިވާގޮތުގެ ތަފްޞީލު ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓުންނާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަދި ކަމާގުޅުންހުރި އިދާރާތަކުން މިނިސްޓްރީ އޮފް ޓޫރިޒަމް އިން ސާފުކުރުމަށްފަހު ކޮމިޓީއަށް އެމައުލޫމާތު ފޮނުވައި ދެއްވުމަށް ދެންނެވުމަށް ނިންމެވިއެވެ. 2.ހދ.ނާގަކޮށި ތަރައްޤީކުރުމުގެ ފުރުޞަތު އަލުން ދިނުމަށް އެދި ތްރީ ކޭ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ސިޓީއާ ގުޅިގެން އެ މައްސަލައިގައި ކަންހިނގާފައިވާގޮތާއި އަދި ސިޓީގައި ފާހަގަކުރައްވާފައިވާގޮތަށް ޢަމަލުކުރެއްވި ސަބަބު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އިން ސާފުކުރެއްވުމަށް ވެސް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA