ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

9 ފެބްރުއަރީ 2021 10:05

ނަންބަރު

1

2021 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެއްވިއެވެ. އެގޮތުން، އެންމެ ފުރަތަމަ، ކަމަދޫ ކައުންސިލުން ހުށަހަޅާފައިވާ މައްސަލަތައް ދިރާސާކުރެއްވުމަށް ސަބް-ކޮމިޓީއެއް އެކުލަވާލެއްވިއެވެ. މި ސަބް-ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ އެވެ. އެއަށްފަހު، ރަށުގެ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތަށް ސިނާއީ މަސައްކަތަށް އޮޑިހަރުގެ އެޅުމަށް މަދުވެގެން 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ބިޑު އުސޫލުން ބިން ދޫކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށް އެދި އިނގުރައިދޫ ކައުންސިލުން 05 ސެޕްޓެމްބަރު 2020 ވަނަ ދުވަހު ފޮނުއްވާފައިވާ މައްސަލައިގައި، ހިނގަމުން މިދާ ކައުންސިލްތަކަކީ ޤާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން އައު ކައުންސިލްތައް އިންތިޚާބު ކުރެވެންދެން ލާމަރުކަޒީ ނިޒާމު ހިންގުން ހުއްޓުމަކަށް އަޔަނުދިނުމަށްޓަކައި، ޤާނޫނު ނަންބަރު 2020/5 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020) ގެ ދަށުން މުއްދަތު އިތުރު ކޮށްފައިވާ ކައުންސިލްތަކެއް ކަމުގައިވެފައި، އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގައި ރަށްރަށުގެ ބިންތައް 6 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ކުއްޔަށްދޭނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހުއްދަ ހޯދަންޖެހޭނެކަމުގައި ބަޔާންކޮށްފައިވާތީ، އައު ކައުންސިލްތައް އިންތިޚާބުވުމަށްފަހު އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާގޮތުގެ މަތިން ބިންތައް ކުއްޔަށް ދިނުމުގެ ބާރު ކައުންސިލްތަކަށް ލިބުމުން، އެ ކައުންސިލުން ހުށަހަޅުއްވާފައިވާ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށް އެ ކޮމިޓީން ދެކެވަޑައިގަންނަވާކަމަށް އެ ފަރާތަށް ދެންނެވުމަށް ނިނެމެވިއެވެ. ދެން، ލާމަރުކަޒީ ޤާނޫނު އިސްލާހު ވެގެން އަންނައިރު "އިސްދޫ" އަދި "ކަލައިދޫ" އަކީ އެއް ކައުންސިލެއްގެ ގޮތުގައި ހަމަ ޖައްސަވައި ދެއްވުމަށް އެދި އިސްދޫ ކައުންސިލްގެ އިދާރާއިން ފޮނުއްވާފައިވާ ސިޓީގައި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާގައި ހިމެނޭ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއް ނޫންކަމަށާއި، އިސްވެދެންނެވުނު ޤާނޫނުގެ 1-56 ގައިވާ ގޮތުގެމަތިން ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާކަމަށް ބަޔާންކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2020/2 ގެ ދަށުން ކައުންސިލްތަކުގެ އިޚްތިޞާޞް މިހާރު ކަނޑައަޅުއްވާފައިވާތީ، ކައުންސިލް ހިންގުމުގައި ދިމާވާ އިތުރު ދަތިތަކާ ގުޅޭގޮތުން ހުރި މައްސަލަތައް އެ ކައުންސިލް ހިމެނޭ އަތޮޅު ކައުންސިލްގެ އިދާރާއަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅުއްވައިގެން ޙައްލުކުރެއްވުމަށް އެ ކައުންސިލަށް ދެންނެވުމަށް ނިންމެވިއެވެ. އޭގެ އިތުރުން، އައްޑޫގެ ކުލީ ބިންތަކާއި ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމަވާ ނިންމުންތަކުގެ ސަބަބުން އައްޑޫ ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތުމުން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ހުށަހަޅުއްވާފައިވާ މައްސަލާގައި، މަޢުލޫމާތު ސާފުކުރުމަށް އައްޑޫ ކައުންސިލާ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. އަދި، އަމިއްލަ ބޭނުންތަކަށް ކުކުޅު ހާލާއި އެކި ބާވަތްތަކުގެ ދޫނިސޫފާސޫފި ގެންގުޅުމަށް ބިމެއް ކަނޑައަޅައިދެއްވުމަށް އެދި ތ. މަޑިފުށި ކައުންސިލްގެ އިދާރާއިން ފޮނުއްވާފައިވާ ސިޓީއަކީ ކޮޕީ ސިޓީއަކަށްވާތީ އެ ސިޓީ ފައިލްކުރަން ނިންމެވުމަށްފަހު، މިއަދުގެ ބައްދަލުވުން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA