ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

5 ސެޕްޓެމްބަރު 2021 10:55

ނަންބަރު

36

ޖުޑީޝިއަރީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 36 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީއަށް ލިބިފައިވާތީ، އެ ބިލުގެ ސުންގަޑިއެއް ކަނޑައެޅުމުގެ މަސައްކަތް ކުރެއްވިއެވެ. އެގޮތުން ބިލު ނިންމާނެ ސުންގަޑިއަކަށް ކޮމިޓީން ނިންމެވީ 30 ސެޕްޓެންބަރު 2021 ކަމުގައެވެ. އެއަށްފަހު، ދެން ކޮމިޓީގައި އެޖެންޑާކުރެވިފައިވާ، މަދަނީ އިޖުރާޢަތުގެ ބިލުގެ މަސައްކަތް ކުރެއްވިއެވެ. އެގޮތުން ބިލުގެ 46 ވަނަ މާއްދާއިން ފެށިގެން 66 ވަނަ މާއްދާގެ ނިޔަލަށް ދިރާސާކުރެއްވިއެވެ. މީގެއިތުރުން، އެހެނިހެން ކަންކަމުގެ ތެރެއިން، ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ދަށުން އެ ގާނޫނުގެ ޖަދުވަލުގައި ހުރި ބިލުތަކުގެ ތެރެއިން ޖުޑީޝިއަރީ ކޮމިޓީން ދިރާސާކުރައްވަމުންގެންދަވާ މަދަނީ އިޖުރާޢަތުގެ ބިލުގެ މަސައްކަތް ނިންމެވޭނެކަމަށް ލަފާކުރައްވާ ތާރީޚެއް ސާފުކުރެއްވުމަށް ގަވާއިދު ކޮމިޓީން ސިޓީ ފޮނުއްވާފައިވާތީ، އެކަމާބެހޭގޮތުން މަޝްވަރާކުރުމަށްފަހު، ކޮމިޓީން ނިންމެވީ މި ދައުރު ނިމެންވާއިރަށް ބިލުގެ މަސައްކަތް ނިންމޭނެކަމަށް ދަންނަވާ ގަވާއިދު ކޮމިޓީއަށް ސިޓީ ފޮނުއްވުމަށެވެ. އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓޫން 5 އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ބައެއް ފަނޑިޔާރުންނަށް ރިޝްވަތުދީ ބިރުދައްކާފައިވާކަން އެނގޭ އޯޑިއޯތަކެއް ލީކްވެފައިވާތީ، އެކަން ބައްލަވައުދެއްވުންއެދި ޕީ.ޕީ.އެމް ގެ ޕީ.ޖީ ލީޑަރު ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ކޮމިޓީން ނިންމެވީ އެމައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބައްލަވަމުންގެންދަވާތޯ ސާފުކުރެއްވުމަށާއި އެ މައްސަލަ ބައްލަވާނަމަ، އެ މައްސަލައިގެ މަސައްކަތް ގޮސްފައިވާ ހިސާބު ސަފުކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ސިޓީ ފޮނުއްވުމަށެވެ. މީގެ އިތުރުން، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއަށް ހުށަހަޅުއްވާފައިވަނިކޮށް މަޤާމުން އިސްތިއުފާދެއްވާފައިވާ ފަނޑިޔާރުންތަކެއް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ފަނޑިޔާރުންނަށް ގުޅުއްވައި، ޝަރީޢަތްތަކަށް ނުފޫޒުފޯރުވާކަމަށް ތުހުމަތުކުރައްވާފައިވާތީ، އެ މައްސަލަ ތަޙްޤީޤުކުރެއްވުމަށް ކަމާގުޅުންހުރި އިދާރާއަކަށް ފޮނުއްވުމުގައި ޖުޑީޝަލް ކޮމިޝަނަށް އަދާކުރެއްވެން އޮތް ދައުރެއް އަދާކޮށްދެއްވުމަށް ވެސް އެ ކޮމިޝަނުގައި ދެންނެވުމަށް ކޮމިޓީން ނިންމަވާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA