ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

10 ފެބްރުއަރީ 2020 11:10

ނަންބަރު

1

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް، ކުރިއަށް ގެންދެވީ ދިވެހިރައްޖޭގެ މަސްވެރިންނަށްވެފައިވާ ވަޢުދުގެ ތެރެއިން ބާނާ މަހަށް "ހަމައަގު" ލިބިގެންދާނެކަމަށް ވެފައިވާ ވަޢުދު ފުއްދިފައި ނުވާތީ، ނުވަތަ ސަރުކާރުން ވެފައިވާ ވަޢުދުގައި "ހަމަ އަގު" ކަމަށް ބަޔާންކޮށްފައިވަނީ މިހާރު މަހުގެ އަގު ހުރި ވަރު ކަމާ ގުޅުން ހުރި އިދާރާތަކުން ސާފުކޮށް ދެއްވުމަށް އެދި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ފޮނުއްވާފައިވާ ސިޓީއާ މެދު މަޝްވަރާކުރެވުމެވެ. މިމައްސަލައާއި ގުޅިގެން ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހުގައި ނިންމެވީ، 9 ފަރާތަކާއި (މައްސަލަ ހުށަހަޅުއްވާފައިވާ ފަރާތް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް، މިނިސްޓްރީ އޮފް ފިޝަރީޒް، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ)، މޯލްޑިވްސް އިންޑްސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދި މޯލްޑިވްސް) ބައްދަލުކުރައްވައި މިމައްސަލައާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށެވެ. ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ކޮމިޓީއަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، ގިނަ ޢަދަދެއްގެ ޔޮޓުފަހަރު ކުރިން ބަނދަރުކުރަމުންދިޔަ ހއ.އުލިގަމުގައި ޔޮޓް ބަނދަރުކުރުން، ސަރުކާރުގެ ގަވާއިދުތަކާއި އުސޫލުތަކުގެ ސަބަބުން މިހާރު މަދުވެފައިވާކަމަށް ފާހަގަކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލައެވެ. މިމައްސަލައިގައި މަޝްވަރާކުރެއްވުމަށް ހުޅުވާލި ފުރުޞަތުގައި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކުރައްވައި ހުށަހަޅުއްވާފައިވަނީ، މިމައްސަލައާއި ގުޅިގެން ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ފަރާތްތަކުން މި މައްސަލަ ހައްލުކުރުމަށް މިއަދާ ހަމައަށް ކުރައްވާފައިވާ މަސައްކަތްތަކުގެ ތަފްސީލު ހޯދުމަށެވެ. މި ހުށަހެޅުން ވަނީ ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ. ތިންވަނަ ކަމަށް ކުރިއަށް ގެންދެވީ، ކޮމިޓީއަށް ފޮނުއްވާފައިވާ ޤަރާރުތަކުގެ ސުންގަޑި ހަމަވެފައިވުމާއެކު ސުންގަޑި އަލުން ކަނޑައެޅުއްވުމުގެ މަސައްކަތެވެ. އެގޮތުން ހުޅުވާލި ފުރުޞަތުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ތާއީދުކުރައްވާފައިވަނީ، 25 ފެބްރުވަރީ 2020 ގެ ނިޔަލަށް ކޮމިޓީން ޤަރާރުތަކުގެ މަސައްކަތް ނިންމުމަށެވެ. މި ހުށަހެޅުން ވަނީ ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ. ހަތަރުވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ކޮމިޓީން ދިރާސާކުރައްވަމުންގެންދަވާ ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީޒްގެ ބިލުގެ މަސައްކަތެވެ. އެގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް މި ބިލަށް ކޮމެންޓު ކުރުމަށް ދެވިފައިވާ މުއްދަތު އިތުރުކޮށްދެވިފައިވީނަމަވެސް، މިއަދާ ހަމައަށް އެ ބިލަށް ކޮމެންޓް ލިބިފައިނުވާތީ، އެ ފަރާތަށް ބިލަށް ކޮމެންޓްސް ފޮނުވުމަށް އިތުރު މުއްދަތެއް ދިނުމަށާއި އަދި މިބިލާއި މެދު ސަރުކާރުގެ ވިސްނުން ހުރިގޮތެއް އޮޅުންފިލުވުމަށް ވެސް ކޮމިޓީން ނިންމެވިއެވެ. އެހެނިހެންގެ ދަށުން، ކޮމިޓީގެ މެންބަރުން ހުށަހަޅުއްވަން ބޭނުން މައްސަލައެއް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި 3 މެންބަރަކު 3 ކަމެއް ހުށަހެޅުއްވިއެވެ. އެއީ؛ 1. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހެޅުއްވި ހުށަހެޅުއްވުން؛ އެސް.ޓީ.އޯ އިން ގދ.ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ތެޔޮ ތާންގީގެ މަސައްކަތް މިހާރު ކުރިއަށް ނުގެންދަވައި، އެ މަޝްރޫޢުގެ މަސައްކަތް ހުއްޓާލާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ނުގެންދެވުމަށް ނިންމެވި ސަބަބެއް އެސް.ޓީ.އޯ ގެ ފަރާތުން ސާފުކުރެއްވުމަށެވެ. މިމައްސަލައިގައި ކޮމިޓީގައި މަޝްވަރާކުރެއްވުމަށް ފަހު ނިންމެވީ އެސް.ޓީ.އޯ އިން މިމައްސަލައާއި ގުޅިގެން ލިޔުމުން މައުލޫމާތު ހޯދުމަށެވެ. 2. މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހެޅުއްވި ހުށަހެޅުއްވުން؛ އެސް.ޓީ.އޯ އިން ޢާންމުންނަށް ފޯރުކޮށްދޭ ނުވަތަ ފޯރުކޮށްދިނުމަށް ރާވާފައިވާ ކަންކަމުގެ ތެރެއިން، އެ ކުންފުނިން ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް (ގޭސް، ފުށް، ހަނޑޫ އަދި ހަކުރު) އަދި މިނޫން ވެސް ޢާންމު ބޭނުންތަކަށް ބޭނުންކުރާ ހިލަ، ހިލަވެލި، ސިމެންތި ފަދަ ތަކެތި ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އަގުގެ ބޮޑު ފަރަޤެއް ނެތި ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށެވެ. މިމައްސަލައިގައި ކޮމިޓީގައި މަޝްވަރާކުރެއްވުމަށް ފަހު ނިންމެވީ އެސް.ޓީ.އޯ ގެ ކަމާގުޅޭ ބޭފުޅުންނާއި ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރުމަށެވެ. 3. ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުން؛ އެސް.ޓީ.އޯ އިން ފޯރުކޮށްދޭ މެޑިކަލް ކޮންސިއުމަބަލްސް އަދި ކެމިކަލް ފަދަ ތަކެތި ރަށް ރަށުގެ ފަރމަސީތަކަށް ލިބެން ޖެހޭ މުއްދަތުގައި ލިބެމުން ނުދާތީ، އެ ފަދަ މައްސަލަތައް ހައްލުކުރުމަށް އެކުންފުނީގެ ވިސްނުން ނުވަތަ ގެންގުޅޭ އުސޫލު ސާފުކުރެއްވުމަށެވެ. މިމައްސަލައިގައި ކޮމިޓީގައި މަޝްވަރާކުރެއްވުމަށް ފަހު ނިންމެވީ އެސް.ޓީ.އޯ ގެ ކަމާގުޅޭ ބޭފުޅުންނާއި ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރުމަށެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
10 ފެބްރުއަރީ 2020 - ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކާއި މެޑިކަލް ކޮންސިއުމަބަލްސް އާ ގުޅޭގޮތުން އެ ކުންފުނީގެ ކަމާގުޅޭ ބޭފުޅުންނާ ބައްދަލުކުރެއްވުން
10 ފެބްރުއަރީ 2020 - އެސް.ޓީ.އޯއިން ގދ.ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ތެޔޮ ތާންގީގެ މަސައްކަތް ހުއްޓާލައި ކުރިއަށް ނުގެންދެވުމަށް ނިންމެވި ސަބަބު އޮޅުންފިލުވުމަށް
19 ނޮވެމްބަރު 2019 - ހއ. އުލިގަމުގައި ޔޮޓް ބަނދަރުކުރުން، މިހާރު މަދުވެފައިވާކަމަށް ފާހަގަކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލަ
18 ނޮވެމްބަރު 2019 - ދިވެހިރާއްޖޭގެ މަސްވެރިންނަށްވެފައިވާ ވައުދުގެ ތެރެއިން ބާނާ މަހަށް ހަމައަގު ލިބިފައިނުވާތީ، އެކަން ކަމާގުޅޭ އިދާރާތަކުން ސާފުކޮށްދެއްވުން އެދިފޮނުވާފައިވާ މައްސަލަ
23 އޮކްޓޯބަރު 2019 - އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރު
22 އޮކްޓޯބަރު 2019 - ދަނޑުވެރިކަމާބެހޭ ފުޑް ސެކިއުރިޓީ ޤަރާރު
21 އޮކްޓޯބަރު 2019 - ރަށު އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް ޒަމާނީ ތަރައްޤީ ގެނުވައިދިނުމަށް ގޮވާލާ ޤަރާރު
10 ޖުލައި 2019 - ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސް ގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA