ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

19 އޮކްޓޯބަރު 2022 10:40

ނަންބަރު

17

2022 ވަނަ އަހަރުގެ 17 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އައްޑޫ ސިޓީގައި ޢިމާރާތްކުރުމަށް ހުއްދަ ދިނުމާ ގުޅޭގޮތުން ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހަޅުއްވާފައިވާ މައްސަލައިގައި އައްޑޫ ސިޓީ ކައުންސިލުން އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ލިބިފައިވާ މަޢުލޫމާތާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 148 ވަނަ މާއްދާގެ (ޓ) އިން "ގޯތި ގެދޮރުގައި ޢިމާރާތްކުރަން ހުއްދަ ދިނުމާބެހޭ ގަވާއިދު" އެކުލަވާލުމުގެ ބާރު ސީޓީ ކައުންސިލްތަކަށް ލިބިދީފައިވާތީ، ވަކި ގަވާއިދަކަށް ޢަމަލުކުރުމަށް އެ ކައުންސިލްތަކަށް އެންގެވުމުގެ ބަދަލުގައި، އެ ގަވާއިދު އެކުލަވާލުމުގެ ބާރު އެ ކައުންސިލްތަކަށް ދޫކޮށްލުމަށާއި އަދި ގަވާއިދު އެކުލަވާލުމުގައި އެ ކައުންސިލްތަކަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ދެންނެވުމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހަޅުއްވައި، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން އެ ހުށަހެޅުއްވުން ފާސްވިއެވެ. (*ވޯޓު 1) ދެން މަޝްވަރާކުރެއްވީ ކައުންސިލްތަކުގެ ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާ ޙަވާލުވެ ހުންނަ ފަރާތަށް ލިބޭ އުޖޫރައަކީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރަ ނުވަތަ އެއާ ގާތްކުރާ މުސާރައަކަށް ހެދުމަށް ކުރެވިދާނެ ކަންތައްތައް ދިރާސާކުރުމަށް އެދި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހަޅުއްވާފައިވާ މައްސަލައެވެ. މިގޮތުން ސިވިލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މަޢުލޫމާތަށް ރިޢާޔަތްކުރެއްވުމަށްފަހު، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ ޖުމްލަ މުސާރައަށް ވުރެ މަތި ނުވާނެފަދަ ގޮތަކަށް ކައުންސިލްތަކުގެ ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމް އަދާކުރާ ފަރާތްތަކަށް ދެއްވާ އެލަވަންސް ބޮޑުކުރެއްވުމަށް ކޮމިޓީއަށް ފެންނަކަށް ސިވިލް ސަރވިސް ކޮމިޝަނަށް ދެންނެވުމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހަޅުއްވައި، ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން އެ ހުށަހެޅުއްވުން ފާސްވިއެވެ. (*ވޯޓު 2) އެއަށްފަހު ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ގެނެވިފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބޭފުޅުންގެ ދެއްވި މަޢުލޫމާތުތަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. އެގޮތުން މި ގަވާއިދާ ގުޅުންހުރި އެންމެހައި ފަރާތްތަކާ (ލޯކަލް ޗެނަލްތައް، މީޑިއާ ނެޓް، އުރީދޫ، ދިރާގް) ބައްދަލުކުރެއްވުމަށް ދިއްގަރު ކޮމިޓީން ނިންމެވިއެވެ. މީގެ އިތުރުން މި މައްސަލަ ކޮމިޓީން ބައްލަވަމުންދަނިކޮށް، މިކަމާ ގުޅޭ ޤަރާރެއް މަޖިލީހަށް ހުށަހެޅި ބަހުސްކުރެވެމުންދާތީ، އެ ޤަރާރު މި ކޮމިޓީއަށް ލިބޭނެގޮތަކަށް އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމަށް އެދި މަޖިލީހުގެ ރައީސަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA