ކޮމިޓީގެ ނަން

ޕެޓިޝަން ކޮމިޓީ

ތާރީޚް

9 މާރިޗު 2020 15:30

ނަންބަރު

3

2020 ވަނަ އަހަރުގެ ޕެޓިޝަން ކޮމިޓީގެ 3 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅިފައިވާ ޕެޓިޝަންތައް ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާކުރެއްވެވިއެވެ. މިގޮތުން "ބ.ދަރަވަންދޫގެ އަތިރިމަތި އާދަޔާ ޚިލާފަށް ގިރަމުންދިއުމުގެ ސަބަބުން އެ ގޮނޑުދޮށުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް ދަތިވަމުންދާތީ، އެކަމަށް ޙައްލެއް ހޯއްދަވައި އެ ސަރަޙައްދު ޙިމާޔަތްކޮށް، ރައްކާތެރި ގޮތުގައި ބޭނުންހިފޭނެގޮތް ހައްދަވައި ދެއްވުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަން" އާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވެވިއެވެ. ރަށްރަށުގެ ގޮނޑުދޮށްތައް ގިރަމުންދާ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި، އެ ޕެޓިޝަން ހުށަހެޅުއްވި ފަރާތުން އެދިވަޑައިގަންނަވާ ކަންތައްތައްވެސް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ޙައްލު ކުރެއްވޭނެ ކަމަށްވާތީ އެ ޕެޓިޝަންގައި ބަޔާންކުރާ ކަންތައް ޙައްލުކޮށްދެއްވުމަށް އެދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ސިޓީއަކުން ދެންނެވުމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު، "ކުޑަކުދިންނަކީ ޚާއްޞަ ރައްކާތެރިކަމެއް ލިބެންޖެހޭ ބަޔެއްކަމުގައިވީނަމަވެސް، ދައުލަތާއި މުޖްތަމަޢުގެ ފަރާތުން ޖިންސީ އަދި އެހެނިހެން އަނިޔާގެ ޝިކާރައަކަށްވާ ކުޑަކުދިން ޙިމާޔަތްކުރުމަށްޓަކައި މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ހުށަހަޅާފައިވާ ޕެޓިޝަން" އާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ސިޓީއަކުން ދެންނެވުމަށް ކޮމިޓީގައި އެވަގުތު ޙާޟިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ބެލުމުގެ ދަށުން ހިންގާ އައްސޭރި ޖަލުގައި ތިބި ޤައިދީންގެ ކަންބޮޑުވުންތައް ބަޔާންކޮށް، 12 ފެބުރުވަރީ 2020 ފޮނުއްވާފައިވާ ޕެޓިޝަންއަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 234 ވަނަ މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކުރާ ޕެޓިޝަނެއްގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަނުވާތި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އަނބުރާ ޕެޓިޝަން ފޮނުވުމަށް ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. ދެން ބެއްލެވީ "ބޮޑުކަންނެލި މަސްވެރިންނަށް ހަމަ އަގު ކަނޑައަޅައި ދިނުމާއި، އެފަރާތްތަކުގެ އެންމެހައި އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދިނުމާ ގުޅޭގޮތުން ބޮޑުކަންނެލި ކެޔޮޅުންނާއި، ފަޅުވެރިންނާއި އަދި އޮޑިވެރިން ހުށަހަޅުއްވާފައިވާ ޕެޓިޝަން" އެވެ. އެގޮތުން، އެ ޕެޓިޝަންގައި ހުށަހަޅުއްވާފައިވާ މައްސަލަތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަށް ސިޓީއަކުން ދެންނެވުމަށް ނިންމެވިއެވެ. އެއަށްފަހު، ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލާ ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ހުރިހާ އިދާރާތަކާ ބައްދަލުކުރެއްވުމަށް ކޮމިޓީއިން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA