ކޮމިޓީގެ ނަން

ޕެޓިޝަން ކޮމިޓީ

ތާރީޚް

26 އޯގަސްޓު 2020 11:00

ނަންބަރު

17

2020 ވަނަ އަހަރުގެ ޕެޓިޝަން ކޮމިޓީގެ 17 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގައި ހުރި ޕެޓިޝަންތައް ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާކުރެއްވެވިއެވެ. އެގޮތުން، ފުރަތަމަ ބެއްލެވީ ކުޑަކުދިން ރައްކާތެރިކުރުމާގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަންއެވެ. މި ފެޓިޝަންއާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއަށް ފޮނުވާފައިވާ ސިޓީތަކުގެ ޖަވާބާއި އަދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގެ ޖަވާބު ނުލިބޭތީ، މަޖިލިސް ޗުއްޓީ ނިމުމުން އެ ދެ ފަރާތާ ބައްދަލުކުރުމަށް ކޮމިޓީގެ މެންބަރުން ނިންމެވިއެވެ. އެއަށްފަހު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އައްސޭރި ޖަލުގައި ތިބި ޤައިދީންގެ ކަންބޮޑުވުންތައް ބަޔާންކޮށް، ފޮނުވާފައިވާ ޕެޓިޝަނާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން މަޝްވަރާކުރެއްވެވިއެވެ. އެގޮތުން، މި ޕެޓިޝަނުގައި ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް އައްސޭރި ޖަލަށް ޒިޔާރަތްކުރުމަށް ކޮމިޓިގެ މެންބަރުން ނިންމެވިއެވެ. ކުލި ކޮންޓްރޯލު ކުރުމަށް ގޮވާލާ ހުށަހަޅުއްވާފައިވާ ޕެޓިޝަނާ ގުޅޭގޮތުން ކުރިން ކޮމިޓީއިން ބައްދަލުކުރުމަށް ނިންމެވި ބޭފުޅުންނާ އަލުން ބައްދަލުކުރެއްވުމަށް ކޮމިޓީއިން ނިންމެވިއެވެ. ދެން ކުރިއަށް ގެންދެވީ ދ.މީދޫ ގައި އުޞޫލާއި ޚިލާފަށް ރަށު ކައުންސިލް އިން ގޯތި ދޫކޮށްފައިވާ މައްސަލަ ބައްލަވައި ދެއްވުން އެދި ހުށަހަޅާފައިވާ ޕެޓިޝަނެވެ. އެގޮތުން މި ޕެޓިޝަނާ ގުޅޭގޮތުން ޕެޓިޝަން ހުށަހެޅުއްވެވި ފަރާތްތަކަށާއި ދ. މީދޫ ކައުންސިލާ ބައްދަލުކުރެއްވުމަށް ކޮމިޓީއިން ނިންމެވިއެވެ. އެއަށްފަހު، ހިރާ ސްކޫލްގެ ދަރިވަރުންގެ ފީ ސަބްސިޑައިޒް ކޮށްދެއްވުމަށާއި، ހެނދުނު ނާސްތާ ޕްރޮގްރާމް ހަމަޖައްސަވައި ދެއްވުމަށާއި، ކުދިން ކިޔެވުމަށް ބޭނުންވާ ޓެކްސްޓް ފޮތްތަކާއި ސްޓޭޝަނަރީ މިހާރުވެސް އަމިއްލަ ސްކޫލްތަކަށް ފޯރުކޮށްދެމުންދާ ގޮތަށް ހިރާ ސްކޫލުގެ ދަރިވަރުންނަށް ވެސް ހަމަޖައްސަވައި ދެއްވުމަށްއެދި ހުށަހަޅުއްވާފައިވާ ޕެޓިޝަނާ ގުޅޭގޮތުން ގޮތެއް ނިންމެވުމުގެ ކުރިން މި ޕެޓިޝަން ސްޕޮންސަރ ކުރައްވާފައިވާ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްއާ ކޮމިޓީއިން ބައްދަލުކުރެއްވުމަށްފަހު ގޮތެއް ނިންމެވުމަށް ކޮމިޓީގައި އެވަގުތު ޙާޟިރުވެވަޑައިގެން ތިއްބެވި މެންބަރުން އިއްތިފާޤުވެލެއްވެވިއެވެ. މީގެއިތުރުން ދެން ކުރިއަށް ގެންދެވީ، ނައިފަރު ކައުންސިލްގެ ރައީސް މުޙައްމަދު ކާރިމް، ކައުންސިލްގެ އިދާރީ މަސައްކަތްތަކުގައި ޢަމަލުކުރަމުން ގެންދާ ޢާންމު އުޞޫލުތަކާއި ޚިލާފަށް ހިންގާ ކަންތައްތަކާއި ގުޅޭގޮތުން ނައިފަރު ކައުންސިލްގެ އިދާރީ މުވައްޒަފުން ހުށަހަޅުއްވާފައި ޕެޓިޝަނެވެ. އެގޮތުން. މި ޕެޓިޝަންގެ މަސައްކަތް ލާމަރުކަޒީ ކޮމިޓީއިން ކުރިއަށް ގެންގޮސްފައިވާތީ، މި ޕެޓިޝަން އެ ކޮމިޓީއަށް ފޮނުވުމަށް ކޮމިޓީގައި އެވަގުތު ޙާޟިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. އެއަށްފަހު ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA