ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

10 ފެބްރުއަރީ 2020 14:30

ނަންބަރު

1

2020 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން.

ޚުލާސާ

1. މި އަދުގެ ބައްދަލުވުމަށް ކޮމޓީގެ މުޤައްރިރު އަދި މުޤައްރިރުގެ ނައިބު ހާޒިރުވުމަށް އުޒުރުވެރިވެފައިވާތީ، ޮމިޓީގެ މެންބަރުންގެ ތެރެއިން ރިޔާސަތު ބެލެހެއްޓުމަށް މެންބަރަކު ހޮއްވެވުމުގެ މަސައްކަތް ކުރެއްވިއެވެ. މި ގޮތުން ކޮމިޓީއަށް އެވަގުތު ހާޒިރުވެ ވަޑައިގެނެނެވި މެންބަރުންގެ އިއްތިފާޤުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ގެ ނަންފުޅު ވަނީ ފާސްވެފައެވެ. 2. އެއަށްފަހު ކޮމިޓީގައި މަޝްވަރާ ކުރެވުނީ، ކޮމިޓީގައި އިސްކަންދީގެން ކުރިއަށް ގެންދާނެ މައްސަލަތަކާއި އިތުރަށް ހުށަހަޅާނެ މައްސަލަތަކާ މެދުއެވެ. މި ގޮތުން 5 ޖުލައި 2019 ވަނަ ދުވަހު މ. އުޖާލާގެ، މާލެ، އަށް ފުލުހުންގެ ތެރެއިން ބަޔަކު ވަދެ އެގޭގައި ހުރި މީހަކަށް އަނިޔާކުރި މައްސަލައިގައި، އެކަން ކުރި ފުލުހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ އިދާރާއިން ބުނުމުން އެކަމާ ދެކޮޅަށް ފުލުހުންގެ ތެރެއިން ބަޔަކު ނުކިޔަމަންތެރިކަން ދައްކައި އިޙްތިޖާޖުކުރަމުން ދިޔަ މައްސަލަ އާއި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަން ތަޙްޤީޤުކޮށްފައިވާ އަޙްމަދު ރިޟުވާން ޢަބަދުﷲ ގެއްލިފައިވާ މައްސަލައިގެ ރިޕޯޓާގުޅޭ މައްސަލައަށް އިސްކަން ދީގެން ކުރިއަށް ގެންދިއުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ހުށަހަޅުއްވައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ތާއީދު ކުރެއްވިއެވެ. އަދި މި ދެ މައްސަލަ މި ހަފްތާތެރޭގައި ނިންމުމަށްވެސް ކޮމިޓީގެ މެންބަރުން އިއްތިފާގުވެ ވަޑައިގެގެންނެވިއެވެ. 3. އެއަށްފަހު ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލުގެ މަސައްކަތް ގޮސްފައިވާ ހިސާބު އެ ކޮމިޓީގެ މުޤައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ޚިއްޞާކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ ފަރާތުން ފުލުހުންގެ ޤާނޫނަށް އިޞްލާޙެއް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި، މިހާރު ސަބް ކޮމިޓީން ކުރާ މަސައްކަތަކީ ސަބް ކޮމިޓީން ޑްރާފްޓް ކުރައްވަމުން ގެންދަވާ ބިލުގައި ހުރި ކަންކަން އެ ބިލުގައި ހުރީ ކިހާ މިންވަރަކަށްތޯ ދެނެގަތުމުގެ މަސައްކަތް ކަމަށާއި، އެ މަސައްކަތް 11 ފެބްރުއަރީ 2020 ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ. 4. އެއަށްފަހު، 04 ފެބްރުއަރީ 2020 ވަނަ ދުވަހުގައި ހުޅުމާލޭގައި ފަތުރުވެރިން ތަކަކަށް ހަމަލާ ދީފައިވާ މައްސަލައެއް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހަޅުއްވައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ތާއީދު ކުރެއްވިއެވެ. އެ ގޮތުން މި މައްސަލައާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ސިޓީ ފޮނުވުމަށް ކޮމިޓީން ނިންމެވިއެވެ. 5. އެއަށްފަހު، މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން ފޮނުއްވާފައިވާ ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގައި ކޮމިޓީން ނިންމަވާފައިވާ ރެކޮމެންޑޭޝަންތަކާމެދު އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަން ސާފުކުރެއްވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ހުށަހަޅުއްވައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ތާއީދު ކުރެއްވިއެވެ. 6. މީގެ އިތުރުން، 06 ފެބްރުއަރީ 2020 ވަނަ ދުވަހު ކ. މާފުށީގައި ފަތުރުވެރިޔަކު ހައްޔަރުކުރުމުގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތާ ގުޅޭ މައްސަލައެއް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ވަނީ ތާއީދު ކުރައްވާފައެވެ. އަދި މި މައްސަލައާ ގުޅޭ ގޮތުން ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ސިޓީ ފޮނުވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA