މި ކޮމިޓީ އުފެދިފައިވަނީ 11 ޖޫން 2019 ގައި ބޭއްވި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 6 ވަނަ ޖަލްސާގައެވެ. މި ކޮމިޓީގެ މަސްއޫލިއްޔަތަކީ، ދައުލަތުގެ އިދާރާތަކުން ކުރާ އެކިއެކި ޚަރަދަކީ ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން އަދި މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ އެއްގޮތްވާ ގޮތުގެމަތިން ކުރާ ޚަރަދުތަކެއްތޯ ބެލުމާއި، މަޖިލީހުން ފާސްކުރާ ފައިސާގެ ޢަދަދުތައް ހޭދަކުރެވިގެން ނުވަތަ ޚަރަދުކުރެވިގެންދަނީ އެކަންކަމަށްތޯ ބެލުން ހިމެނެއެވެ. އަދި ހުއްދަކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ދައުލަތުގެ އިދާރާތަކުން ފައިސާ ޚަރަދުކޮށްފައިވާނަމަ، އެގޮތަށް ފައިސާ ޚަރަދުކުރަންޖެހުނު ސަބަބާއި ޙާލަތު ކޮމިޓީން ބެލުން ހިމެނެއެވެ. މިގޮތުން ދައުލަތުގެ މާލިއްޔަތާ ގުޅޭގޮތުން ކަންކަން ބެލުމުގައި، ދައުލަތުގެ އިދާރާތަކާއި، ދައުލަތުގެ ޙިއްޞާވާ ކުންފުނިތަކާއި ދައުލަތުގެ ވިޔަފާރި އިދާރާތަކާއި، ދައުލަތުގެ މިނިވަން އިދާރާތަކުގެ މާލީ ހިސާބުތައް ދިރާސާކުރުމާއި، އޮޑިޓަރ ޖެނެރަލްގެ އެކިއެކި ރިޕޯޓްތައް ދިރާސާކުރުމާއި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެންގުން ހިމެނެއެވެ. މީގެ އިތުރުން، ދައުލަތަށް ލޯނު ނެގުމާއި ދައުލަތުގެ ފަރާތުން ގެރެންޓީ ދިނުމުގައި މަޖިލީހުގެ ފަރާތުން އަދާކުރަންޖެހޭ ދައުރާ ގުޅިގެން ކަންކަންކުރުމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތައް ބެލުމާއި، އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތައް ކަނޑައެޅުމުގައި އެހެން ކޮމިޓީތަކުގެ މަޝްވަރާ ހޯދުން ހިމެނެއެވެ.
© 2023 ރައްޔިތުންގެ މަޖިލިސްގެ އިދާރާA