މި ކޮމިޓީ އުފެދިފައިވަނީ 11 ޖޫން 2019 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ 6 ވަނަ ޖަލްސާގައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 116 ވަނަ މާއްދާގެ ދަށުން، މި ކޮމިޓީގެ މަސްއޫލިއްޔަތަކީ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ޚާރިޖީ ކަންކަން ދިރާސާކުރުމާއި، ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ސިޔާސަތުތައް މުރާޖަޢާކޮށް، އެ ސިޔާސަތުތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމާއި، އެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއްވާނަމަ އެކަމެއް ފާހަގަކޮށް، އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި، ޤައުމީ ސަލާމަތާއި، ޚާރިޖީ ކަންކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއާއި، މިނިސްޓްރީ އޮފް ޑިފެންސް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 116 ވަނަ މާއްދާގެ (ށ) އިން ފެށިގެން (ފ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ކުރުމެވެ. މިގޮތުން، އެ އިދާރާތަކުން ހުށަހަޅާ ބިލުތައް ދިރާސާކޮށް، ފުރިހަމަކޮށް، ރައްޔިތުންގެ މަޖިލީހުން ރިޢާޔަތްކޮށްދިނުން އެދި ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމާއި، އަހަރީ ރިޕޯޓުތައް ދިރާސާކޮށް، އިޞްލާޙުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެ ކަންކަން އެންގުމާއި، އެ އިދާރާތަކުން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، އެކަންކަމުގައި ކުރިއަށް ދެވިދާނެގޮތުގެ ލަފާދިނުމާއި، އެ އިދާރާތަކާ ބައްދަލުކޮށް، އެ އިދާރާތަކުން ހިންގާ ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދައި، ސުވާލުކޮށް، އެ އިދާރާތަކުން ކުރަންޖެހޭ ކަންކަން އެ އިދާރާތަކުން ކުރަމުންދާގޮތް ބަލައި، އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށްދިނުމެވެ. މީގެ އިތުރުން، ސަރުކާރާއި ބޭރު ޤައުމުތަކުގެ ސަރުކާރުތަކާ އޮންނަ ގުޅުން ދިރާސާކުރުމާއި، ޤައުމަށް ދިމާވާ އެކިއެކި ކާރިސާތަކާއި ގުޅުންހުރި ކަންކަން ދިރާސާކޮށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ދިވެހިރާއްޖެ މެންބަރަކަށްވެފައިވާ ބައިނަލްއަޤްވާމީ އެކިއެކި ޖަމާޢަތްތަކާއެކު ދިވެހިރާއްޖެއިން ގެންގުޅޭ ގުޅުން ދިރާސާކުރުންވެސް ހިމެނެއެވެ. އަދި ބޭރުގެ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ދިވެހިރާއްޖެއިން ވާ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލާންޖެހޭ ބާވަތުގެ މުޢާހަދާތަކާއި އެނޫންވެސް އެއްބަސްވުންތައް ދިރާސާކުރުމާއި، ބޭރުޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުންނަށް ރުހުންދިނުމާގުޅޭ މައްސަލަތައް ދިރާސާކުރުމާއި، މަޖިލީހުން ރިޢާޔަތްކޮށްދިނުން އެދި ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުންވެސް ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.
© 2021 ރައްޔިތުންގެ މަޖިލިސްގެ އިދާރާA