މި ކޮމިޓީ އުފައްދާފައިވަނީ 11 ޖޫން 2019 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ 6 ވަނަ ޖަލްސާގައެވެ. މަޖިލީހަށް ތަޢާރުފުކުރެވިފައިވާ ނުވަތަ ހުށަހެޅިފައިވާ ބިލަކާ ގުޅޭގޮތުން ނުވަތަ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅޭގޮތުން ނުވަތަ ރައްޔިތުންގެ ނުވަތަ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަމަކާ ގުޅޭގޮތުން ރައްޔިތުން ދެކޭގޮތް ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މެދުވެރިކޮށް، މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ޕެޓިޝަން ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 232 ވަނަ މާއްދާއާއި 233 ވަނަ މާއްދާގެ ދަށުން، ރައްޔިތުންނަށް ލިބިގެންވެއެވެ. މިގޮތުން، ހުށަހަޅާ ޕެޓިޝަނަކީ އެއްވެސް ޝަރުޢީ ކޯޓެއްގައި ހިނގަމުންދާ ޝަރީޢަތެއްގެ ދާއިރާގައި ހިމެނޭ ކަމެއްކަމުގައި ވެގެންނުވާނެކަމަށާއި، ޤާނޫނުގެ ދާއިރާގެ ތެރެއިން ހައްލެއް ހޯދިދާނެ ކަމެއްކަމުގައި ވެގެންނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 233 ވަނަ މާއްދާގައި ބަޔާންކުރުމާއެކު، މަޖިލީހަށް ހުށަހަޅާ ކޮންމެ ޕެޓިޝަނެއްވެސް ޢިބާރާތްކުރާނެ ގޮތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 234 ވަނަ މާއްދާގައި ބަޔާންކުރެއެވެ. އެގޮތުން، ކޮންމެ ޕެޓިޝަނެއްގައިވެސް:- - އެކަށީގެންވާ ރިވެތި ޢިބާރާތުން، ދިވެހި ބަހުގެ އަދަބުތަކާ އެއްގޮތްވާ ގޮތުގެމަތިން، މަޖިލީހަށް މުޚާޠަބުކޮށްފައިވުން؛ - އެ ޕެޓިޝަން ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި ސޮއި ހިމެނިފައިވުން؛ - ޕެޓިޝަނެއް ހުށަހަޅަނީ އެކަކަށްވުރެ ގިނަ މީހުންނަމަ، އޭގެ ތެރެއިން މަދުވެގެން އެކަކު، އެ ޕެޓިޝަނެއްގައި ސޮއިކުރަންވާނެކަމަށާއި، އެ ޕެޓިޝަންގައި އެއް ގަނޑަށްވުރެ ގިނަ ގަނޑު ހިމެނޭނަމަ، ޕެޓިޝަންގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެކަކު އެއިން ކޮންމެ ގަނޑެއްގައިވެސް ސޮއިކޮށްފައިވުން؛ - ޕެޓިޝަން ހުށަހަޅާ ފަރާތް ނުވަތަ ފަރާތްތަކުގެ އިތުރަށް، މަޖިލީހަށް އެ ޕެޓިޝަނެއް ހުށަހަޅާ މެންބަރުވެސް އެ ޕެޓިޝަންގައި ސޮއިކޮށްފައިވުން؛ - އެއްވެސް ޕެޓިޝަނަކާއެކު، ސިޓީއެއް ނުވަތަ ބަޔާނެއް ނުވަތަ އެފަދަ އެހެންވެސް ލިޔުމެއް ހިމަނާފައި ނުވުން؛ - އެއްވެސް މެންބަރަކަށް އޭނާގެ އަމިއްލަ މަޞްލަޙަތު އޮތް ކަމެއްގެ ނުވަތަ އޭނާގެ އަމިއްލަ ޕެޓިޝަނެއް ހުށަހެޅިގެން ނުވުން؛ - ކޮންމެ ޕެޓިޝަނެއްގައިވެސް ޕެޓިޝަން ހުށަހަޅާ ފަރާތުން އެދޭ ގޮތް ހާމަކޮށްފައިވުން. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 109 ވަނަ މާއްދާގެ ދަށުން، މި ކޮމިޓީގެ މަސްއޫލިއްޔަތަކީ، މަޖިލީހަށް ހުށަހެޅޭ ޕެޓިޝަނާ ގުޅޭގޮތުން، ޕެޓިޝަންގައި ހިމެނިގެންވާ ކަންކަން ބަލައި ދިރާސާކުރުމާއި، ކަމާގުޅޭގޮތުން ހޯދަންޖެހޭ އިތުރު ބަޔާންތަކާއި އިތުރު ހެކިތައް ހޯދުމާއި، ޕެޓިޝަންގައި ފާހަގަކޮށްފައިވާ ކަންކަން އިޞްލާޙުކުރުމަށް ކުރެވިދާނެ ކަންކަން ބަޔާންކުރުމާއި، ޕެޓިޝަންގައި ފާހަގަކޮށްފައިވާ ބާވަތުގެ ކަންކަން މުސްތަޤްބަލުގައި ހިނގިޔަ ނުދިނުމަށް އެޅިދާނެ ފިޔަވަޅުތައް ބަޔާންކުރުމާއި އަދި މި ދެންނެވުނު ކަންކަމުގެ މައްޗަށް ކޮމިޓީގެ ރިޕޯޓު ތައްޔާރުކޮށް މަޖިލީހަށް ހުށަހެޅުމެވެ. އަދި ޕެޓިޝަން ކޮމިޓީއަށް ހުށަހެޅޭ ކޮންމެ ޕެޓިޝަނެއް، އެ ކޮމިޓީއަކުން ބަލައި، ގޮތެއް ކަނޑައަޅަންވާނެކަމަށާއި، މަޖިލީހުން އެކަމާމެދު ރިޢާޔަތްކުރަން ފެންނަކަމެއް ހިމެނިގެންވާނަމަ، އެކަމަށް ގޮތެއް ކަނޑައެޅުމަށް، މަޖިލީހަށް، އެ ކޮމިޓީގެ ރިޕޯޓަކާއެކު، އެ ޕެޓިޝަނުގައިވާ މައްސަލަ ހުށަހަޅާންވާނެ ކަމަށް މަޖިލީހުގެ ގަވާއިދު 235 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
© 2023 ރައްޔިތުންގެ މަޖިލިސްގެ އިދާރާA